ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

އެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް މިއަދު ނައްތާލައިފި އެވެ.


އެ ތަކެތި ނައްތާލީ، ކަސްޓަމްސް އިން ހިފަހައްޓާ ތަކެތި ނައްތާލުމަށް ގާއިމްކޮށްފައިވާ އުސޫލުގެ ދަށުން، މީޑިއާގެ ހާޒިރުގައި، މިއަދު ތިލަފުށީގަ އެވެ.

ނައްތާލުމަށް ބަނގުރާ ކޭސްތައް ތިލަފުއްޓަށް ބާލަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ނައްތާލި ތަކެއްޗަކީ 1،108 ބިޔަރު ދަޅާއި 89،353 ބަނގުރާ ފުޅި އަދި 3،411 ކިލޯގެ އޫރުމަހެވެ. ނަމަވެސް މިއީ ކޮން މުއްދަތެއްގެ ތެރޭގައި ހިފަހައްޓާފައިވާ ތަކެއްޗެއް ކަމެއް ސާފެއް ނުވެ އެވެ.

ތަކެތި ނައްތާލުމުގައި ހަރަކާތްތެރިވި ބައެއް ކަސްޓަމް އޮފިސަރުން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލީ، ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

އިމްޕޯޓްކުރުމުގެ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެތެރެކުރާ ތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަސްޓަމްސް އިން ހިފަހައްޓައި ނައްތާލާނެ އެވެ.