އުރީދޫ ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފި

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އާ ގުޅިގެން އުރީދޫން "ލަވަފޮށި ޕްރިމިއަމް" ތައާރަފްކޮށްފި އެވެ.


އުރީދޫގެ ކަސްޓަމަރުންނަށް 4ޖީ+ ނެޓްވޯކްގައި ލަވަފޮށި ޕްރިމިއަމް ހިލޭ ބޭނުންކުރެވޭނެ އެވެ. އުރީދޫން ބުނީ ލަވަފޮށި ޕްރިމިއަމް އިން 10،000 އަށްވުރެ ގިނަ ދިވެހި ލަވަ އަޑުއަހައި ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. މިއީ ކުރީގެ އަދި މިހާރުގެ ދިވެހި ލަވަ އާއި މިއުޒިކް ހައި ކޮލިޓީގައި، މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން ގެނެސްދޭނެ އެޕެއް ކަމަށް އުރީދޫން ބުންޏެވެ.

"މި އެޕްގެ އެޑެޕްޓިވް ސްޓްރީމިން ފީޗާ މެދުވެރިކޮށް، ސްމާޓް ފޯންތަކަށް، އެންމެ ފުރިހަމަ އުރީދޫ ނެޓްވާކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލައި އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލައި އޮފްލައިންކޮށް ވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ،" އުރީދޫން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދިވެހިންގެ އުފެއްދުންތައް ކުރިއަރުވައި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމަށް އުރީދޫން އެއްބާރުލުންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ، މަސައްކަތް ކުރަނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވެދީ، ބައިނަލްއަގްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނެ ގޮތްތައް ހޯދައިދޭން ކަމަށެވެ.