ގަތަރުގައި 2036 ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސް ބޭއްވުމަށް ކުރާ ބިޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާނާ އަލް ކުވާރީ އައްޔަންކޮށްފި އެވެ. 

އަލް ކުވާރީއަކީ އެގްޒެކެޓިވް ލީޑާޝިޕްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ އުރީދޫގެ އިސް މަގާމުތައް ފުރުއްވައި އަދި މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ނުވަ މާކެޓެއްގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް ޕްރޮގްރާމްތައް ބަލަހައްޓަވައިފަ އެވެ. އަދި ގަތަރުގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

އެގޮތުން "އުރީދޫ ދޯހާ މެރަތަން" ލޯންޗް ކުރުމުގައި ވަނީ އިސް ދައުރެއް އޭނާ އަދާ ކުރެއްވި އެވެ. 

ބިޑުގެ ސީއީއޯގެ ހައިސިއްޔަތުން، އަލް ކުވާރީ އިސްކޮށް ހުންނަވައިގެން ގަތަރުގެ ކެމްޕޭންގެ ސްޓްރެޓީޖިކް އޮޕަރޭޝަނަލް އަދި އިންތިޒާމީ ކަންތައްތައް ބަލަހައްޓަވާނެ އެވެ. އަދި އެ ގައުމުގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އާއި ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހިމެނޭ ޕްރޮޕޯޒަލް ތައްޔާރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގްވާމީ ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރައްވާނެ އެވެ.

ކުވާރީ އެ މަގާމަށް އައްޔަން ކުރުމަކީ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސްތައް އެ ގައުމުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅި މުހިންމު ފިޔަވަޅެކެވެ.