ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭ ދިރާސާއެއް އެމްއެމްއޭ އިން ކުރަނީ

ވިޔަފާރީގެ މުއާމަލާތްކުރުމާއި ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭ ގޮތުން ދިރާސާއެއް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.


މަރުކަޒީ ބޭންކުން މިއަދު ބުނީ "ޕޭމެންޓް ސިސްޓަމް" އާ ގުޅޭ އެ ސާވޭގެ މަގުސަދަކީ އެކިއެކި މުއާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، ނަގުދު ފައިސާ ބޭނުން ކުރުން މަދުކޮށް، ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުން ކަމަށެވެ. އެ އެ ސާވޭގެ ފުރަތަމަ ބައި ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 11ގެ ނިޔަލަށެވެ. މިއީ މިފަދަ ސާވޭއެއް މިހާ ފުޅާކޮށް އެ އޮތޯރިޓީން ކުރިޔަށް ގެންދާ ފުރަތަމަ ފަހަރެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭގައި މައުލޫމާތު އެއްކުރާނެ މައިގަނޑު ދާއިރާތަކަކީ ޓޫރިޒަމާއި މަސްވެރިކަމާއި ތަކެތި އުފެއްދުމާއި އިމާރާތްކުރުމާއި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތާއި ވިޔަފާރި އާއި މާލީ ހިދުމަތަކާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއިން ކަމަށެވެ. އަދި އެ ސާވޭގައި ފުރަތަމަ މައުލޫމާތު އެއްކުރަން އަމާޒުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުންނެވެ.

"ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރާ ގައުމީ މަސައްކަތަކަށްވާތީ، މި ސާވޭއޭއަށް އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުން އެދި އިހުލާސްތެރިކަމާއި އެކު ދެންނެވީމެވެ،" އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭ ކުރިޔަށް ގެންދަން ޓީމްތައް ރެންޑަމްކޮށް ހޮވާލެވޭ ފަރާތްތަކުން ސާވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.