ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކާޑު ދޫކުރަން ފެށުނީއްސުރެ މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 74 ޕަސެންޓު ކާޑު އަދިވެސް އެކްޓިވް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން އާންމު ކުރި، ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން، ޑެބިޓް ކާޑުގެ ތެރެއިން 48 ޕަސެންޓަކީ ވިސާ ކަޑެވެ. އަދި 24 ޕަސެންޓު މާސްކާޑަށް ވާ އިރު 22 ޕަސެންޓަކީ އެމެރިކަން އެކްސްޕްރެސް (އެމެކްސް) އެވެ.
ކްރެޑިޓް ކާޑުގެ ތެރެއިން 64 ޕަސެންޓަކީ ވިސާ އެވެ. އަދި 28 ޕަސެންޓު ނިސްބަތްވަނީ އެމެކްސްއަށެވެ. ބޭންކްތަކުން ދޫކުރާ ޕްރިޕެއިޑް ކާޑުގެ 99 ޕަސެންޓަކީ މާސްޓަކާޑެވެ.
ރާއްޖޭގެ ބޭންކަކުން ޑެބިޓް ކާޑު އެންމެ ފުރަތަމަ ތައާރަފް ކުރީ 2000 ވަނަ އަހަރު އެވެ. އަދި 2004 ވަނަ އަހަރު ވަނީ ކްރެޑިޓް ކާޑު ތައާރަފްކޮށްފަ އެވެ.
އެއް އަހަރުން އަނެއް އަހަރަށް ކާޑުގެ މުއާމަލާތްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު 46 މިލިއަން ޓްރާންސެކްޝަން ކާޑުތަކުން ކުރި އެވެ. އެއީ 18 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތެވެ. އޭގެ ތެރެއިން 17 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގީ ޑެބިޓް ކާޑުތަކުންނެވެ. ބާކީ އެއް ބިލިއަން ރުފިޔާގެ މުއާމަލާތް މިދިޔަ އަހަރު ހިންގީ ކްރެޑިޓް ކާޑުތަކުންނެވެ.
އޭގެ ކުރީ އަހަރު ކާޑު ބޭނުންކޮށްގެން 39 ޓްރާންސެކްޝަނުން 16 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގި އެވެ. މިދިޔަ އަހަރު އެކަނި ބޭންކްތަކުން ވަނީ 750 ޑެބިޓް ކާޑު ދޫކޮށްފަ އެވެ. އޭގެ ތެރެއިން 64 ޕަސެންޓަކީ އެކްޓިވް ނުވަތަ ބޭނުން ކުރަމުން އަންނަ ކާޑުތަކެވެ.
ކާޑުތަކުގެ މުއާމަލާތްތަކުގެ 85 ޕަސެންޓަކީ ޕީއޯއެސް ނުވަތަ ކާޑު މެޝިނުން ހިންގި މުއާމަލާތްތަކެވެ. ބާކީ 15 ޕަސެންޓު ކާޑު މުއާމަލާތް ހިންގީ އޮންލައިންކޮށެވެ.
ނަގުދު ފައިސާގެ ބަދަލުގައި ކާޑާއި އޮންލައިން ޓްރާންސެކްޝަން މެދުވެރިކޮށް މާލީ މުއާމަލާތްތައް ހިންގާ ވަރު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މުއާމަލާތްތައް ވަނީ 563 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ 2019 ވަނަ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެކެެވެ.