ގިފްޓްގޯސްޓްބޮޓް: ގިފްޓް ކާޑުން ވައްކަންކުރަނީ

"ގިފްޓްގޯސްޓްބޮޓް" އަކީ އޮޓަމެޓިކް ކޯޑް އިންޖީނެކެވެ. ކުރާ ކަމަކީ ވައްކަންކުރުމެވެ. އޮންލައިން ވިޔަފާރި ނެޓްވޯކްގައި ރީޓެއިލް މުދާ ވިއްކާ ފިހާރަތަކުން ކަސްޓަމަރުންނަށް ދޫކުރާ "ގިފްޓް ކާޑް" ގައި ހުންނަ ފައިސާ، ވެރި ފަރާތަށް ނޭނގި އަތުލައިގަނެ، ބޭނުންކުރުމެވެ.


ހެކަރުން ވަރަށް މަކަރުވެރި ގޮތަކަށް ހުންގާނުހިފައި، ބޭނުން މިސްރާބަކަށް ގިފްޓްގޯސްޓްބޮޓް ދަތުރުކުރުވަ އެވެ. އެ ގޮތުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ހާސް "އީކޮމާސް" ވެބްސައިޓެއް ވަނީ ހިސޯރުކޮށްފަ އެވެ. ސައްހަ އެކައުންޓެއް އަތުޖެއްސުމަޓަކައި "ބްރޫޓް ފޯސް އެޓޭކް" އުކުޅުތައް ބޭނުންކޮށް ގިފްޓް ކާޑަކާ ގުޅުން ހުރި ހުރިހާ އެކައުންޓެއް ދަމައިގަނެ އެވެ.

އީކޮމާސް ވެބްސައިޓްގައި ހުރި އެކައުންޓްތަކުގެ ތެރެއިން ސައްހަ އެކައުންޓްތައް ދެނެގަތުމަށް ގިފްޓްގޯސްޓްބޮޓް ބަލަނީ ބާކީ ފައިސާ ހުރި އަދަދެވެ. އެކަން ކަށަވަރުކުރުމަށް ފަހު ވިދުވަރު ދުވެލީގައި އޮންލައިން ފިހާރަތަކުން މުދާގަނެ ނުވަތަ ބިމު އަޑި އަށް މޫލާފައި ހުރި ހެކަރުންގެ ނެޓްވޯކަށް އެ އެކައުންޓެއް ވިއްކާލަ އެވެ. އޮންލައިން ރީޓެއިލް ފިހާރަ އަށް ނުވަތަ ކަސްޓަމަރަށް އެކަން އެނގުމުގެ ކުރިން، އެކައުންޓްގައި ހުރި ނަމަ ހުރި ފައިސާއެއް ބޭނުންކޮށް ޚަލާސްކޮށްލަ އެވެ.

އެއީ ގިފްޓްގޯސްޓްބޮޓް ކުރާ ކަމެއްކަން އެނގުމުގެ ކުރިން ކަސްޓަމަރުން ހީކުރީ އެއީ ވެބްސައިޓްގެ މައްސަލައަކުން ދިމާވާ ކަމެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައްލުކޮށް މަދުވި އަދަދު "ރިފަންޑް، އަނބުރާ ދިނުމަށް އޮންލައިން ފިހާރަ މެނޭޖްމަންޓްގެ ކިބައިން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް އެތައް ހާސް ބަޔަކަށް އެ ގެއްލުން ލިބިފައިވުމުން އެ ފައިސާ އަނބުރާ ދިނުން ފިހާރަތަކަށް ވެސް ވަނީ ނުކުޅެދިފަ އެވެ. އަނެއްކޮޅުން ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ރަނގަޅަށް އަދި ވެސް ދެނެނުގަނެވެ އެވެ.

ސެކިޔުރިޓީ ފާމްތަކުން ނަސޭހަތްތެރި ވަނީ ގިފްޓް ކާޑުގައި ބާނީ ނުބެހެއްޓުމަށެވެ. ފައިސާ ހުރި ނަމަ ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅު އެޅުމަށެވެ. އެ ގޮތުގައި ބާކީ ހުރި ވަރެއް ރަނގަޅަށް ނޯޓްކުރުން އަދި ދޭތެރެ ދޭތެރެއިން އެކައުންޓް ޗެކްކޮށް، "ސްކްރީންޝޮޓް" ނެގުން ހިމެނެ އެވެ.