ވެސްޓްޕާކް ބިން ބިޑަށް ނުލައި 50 އަހަރަށް ކުއްޔަށް ދެނީ

މާލޭގައި ކުރިން ވެސްޓްޕާކް ރެސްޓޯރަންޓް ހިންގި ބިން، ބިޑަށް ނުލައި އެކުއިޒިޝަން ފީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ އަށް 50 އަަހަރަށް ކުއްޔަށް ދޭން ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.


މާލޭގެ ހުޅަނގު އުތުރު ފަރާތު ކަންމަތީގައި އޮންނަ 19،343 އަކަފޫޓުގެ އެ ބިން 1،450.730ރ. އަށް 50 އަހަރަށް ކުއްޔަށް ދޭން އިއުލާން ކުރިއިރު، އެ ބިމުގެ އަކަފޫޓަކަށް ޖެހެނީ 75ރ. އެވެ. އެ އަގަކީ މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރެއިން މާލެ އާއި މާލެ އަތޮޅަށް ކަނޑައަޅާފައިވާ އަގެވެ.

ވެސްޓްޕާކް ހިންގި ބިން ޓޫރިޒަމްގެ ބޭނުންތައް ކުރެވޭ ގޮތަށް ކުއްޔަށް ދިނުމަށް އިއުލާން ކުރިއިރު އެ ތަނާ ޖެހިގެން އިރަށް އޮތް ތަނުގައި ވަނީ ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހަދައިފަ އެވެ.

ވެސްޓްޕާކް ހިންގި ބިން ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދިނުމަށް އިއުލާން ކުރިއިރު، ކުރިން އެ ރެސްޓޯރަންޓް ހިންގި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ނިންމީ އެ ކުންފުންޏާ ދެކޮޅަށެވެ. އަދި އެ ބިމުގައި ކެމްޕޭން އޮފީސް ހަދަން ފެށީ ވެސް އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެކަމަކު އެ ބިން މިހާރު އޮތީ އެ ކުންފުނި އަތުން އަތުލައިފަ އެވެ.

ޔޮޓް ޓުއާސް އިން މިދިޔަ އޮގަސްޓް މަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން ވެސްޓްޕާކް ހިންގުމުގެ މުއްދަތު އިތުރު ކޮށްދޭން ސަރުކާރުން އެ ކުންފުންޏާ އެކު އެއްބަސްވުމަށް ފަހު އެހެން މީހަކަށް އެތަން ދިނުމުންނާއި އެ ތަނުގައި ހުރި މުދާތައް ސަރުކާރުން ހަލާކު ކުރުމުން އެ ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވެސްޓްޕާކް ހިންގުމުގެ މުއްދަތު އިތުރުކޮށްނުދިން މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށެވެ. އެކަމަކު މައްސަލަ ޔޮޓް ޓުއާސް އިން ސުޕްރީމް ކޯޓަށް ހުށަހެޅި ކަމެއް ސާފެއް ނުވެ އެވެ.

ޔޮޓް ޓުއާސް އިން ވެސްޓްޕާކް ހިންގަމުން އަންނަނިކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސެޕްޓެމްބަރު، 2012 ގައި އޭރުގެ މާލޭ ސިޓީ ކައުންސިލުން ވަނީ އެ ތަން ހިންގުން މެރީ ބްރައުންގެ އެއް ހިއްސާދާރު ކަމަށްވާ އާމިރު މަންސޫރާ ހަވާލުކޮށްފަ އެވެ. އެ ބިން އަލުން ކުއްޔަށް ދޭން އިއުލާން ކުރި އިރު އާމިރުގެ އަތުން ބިން ނެގިކަން އަދި ސާފެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ ބިޑުނުކޮށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ކ. ކޮށްދިއްޕަރު ފިނޮޅާއި، ސ. ގަމުގައި ހުންނަ ދޫގަސް ހުރި ބިން ވިއްކާލަން ވެސް އިއުލާން ކޮށްފައިވެ އެވެ.

އެ މިނިސްޓްރީން އޭރު ނެރުނު އިއުލާނުގައި ބުނެފައި ވަނީ 2.8 ހެކްޓަރުގެ ކޮށްދިއްޕަރު ފިނޮޅު ވިއްކާލަނީ 2.2 މިލިޔަން ޑޮލަރު (33.9 މިލިއަން ރުފިޔާ) އަށެވެ. އަދި 2.5 ހެކްޓަރުގެ ދޫގަސް ވިއްކާލަނީ ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) އަށެވެ.