އަމާނާ ތަކާފުލް، ވެހިކަލްގެ އިތުރުން ވެހިކަލަށް އަރާ މީހުން ވެސް އިންޝުއާ ކޮށްލެވޭ

އާ ކުންފުނިތަކާ އެކު ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ފުޅާވަމުން އަންނައިރު، ކޮންމެ ކުންފުންޏަކުން ވެސް ބަލާނީ ތަފާތު އިންޝުއަރެންސް ޕޮލިސީތައް ތައާރަފް ކުރުމަށެވެ. ނަމަވެސް އަމާނާ ތަކާފުލް އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ކުންފުންޏެކެވެ. އެ ތަފާތު ފެންނަނީ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ތައާރަފު ކުރަމުން އަންނަ އިންޝުއަރަންސުން ލިބިދޭ މަންފާތަކުންނެވެ.


އެއްގަމު އުޅަނދެއް ދުއްވާނަމަ، "ތާޑް ޕާޓީ" އިންޝުއަރެންސް އޮތުމަކީ މަގުމަތި ބޭނުންކުރާ މީހުން ރައްކާތެރިކަން ހޯދައިދިނުމަށް ހަދާފައިވާ ގަވާއިދުތަކުގެ ދަށުން މަޖުބޫރު ކަމެކެވެ. އިންޝުއާ ނުކޮށް ދުއްވާ ނަމަ، ޖޫރިމަނާ ކުރާނެ އެވެ. އާންމުކޮށް ތާޑް ޕާޓީ އިންޝުއަރެންސުން ކަވަރު ކުރާނީ ތިމާ ދުއްވާ އުޅަނދުން އެހެން މީހަކަށް ނުވަތަ އެހެން މީހެއްގެ އުޅަނދަކަށް، ތަނަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުންތައް އެކަންޏެވެ.

ނަމަވެސް އަމާނާ ތަކާފުލްގެ ތާޑް ޕާޓީ އިންޝުއަރެންސާ އެކު ހެޔޮ އަގެއްގައި، މުހިންމު އަދި ބޮޑެތި ކަންކަން ކަވަރުކޮށްދޭ އެހެނިހެން "އެޑް-އޮން" ޕޮލިސީތައް އެބަހުއްޓެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ތަކާފުލް ދަހަނާ ނަގާފައި އިން ފަރާތެއް ވެއްޖިއްޔާ އެކްސިޑެންޓެއްގައި ލިބޭ ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ މަރު ފަދަ ހިތާމަވެރި ހާދިސާތަކުގެ ބަދަލުގެ ގޮތުގައި ކަޑައަޅާފައިވާ އަދަދަށް ބަދަލު ދެވޭނެ،" އެއްގަމު އުޅަނދުގެ ތާޑް ޕާޓީ އިންޝުއަރަންސާއެކު ވިއްކާ އެކްސިޑެންޓް ކަވަރޭޖާ ބެހޭގޮތުން އަމާނާ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒް ވިދާޅުވި އެވެ.

އާންމުންނަށް ބައިވެރިވެވޭ ގޮތަށް އޮތް މި ޕެކޭޖުގެ ދަށުން ސައިކަލް ދުއްވާއިރު، އެ ދުއްވާ މީހާގެ އިތުރުން ފަހަތުގަ އިންނަ މީހާ ވެސް ކަވަރު ވާނެ އެވެ. މި ނޫނަސް އެތައް ބައިވަރު ކަންކަމެއް މި ޕެކޭޖުން ކަވަރު ކުރެ އެވެ.

އަމާނާ ތަކާފުލް އިން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން.

ވެހިކަލްތައް ދުއްވުމުގައި މީހުންނާއި މުދަލާއި ތަންތަނަށް ލިބޭ ގެއްލުންތައް މި ޕެކޭޖުތަކުން ހުރިހާ ގޮތަކަށް ކަވަރު ކޮށްދޭނެ އެވެ. ނަމަވެސް، މިހާރު އެންމެ ބޮޑު އެއް ކަމަކީ ވެހިކަލް ވަގަށް ނެގުމުގެ މައްސަލަ އެވެ. މިކަމަށް ހައްލެއް އެބައޮތް ހެއްޔެވެ؟

"އަޅުގަނޑުމެން ތެފްޓް ކަވާ ކުރާ ޕެކޭޖެއް ވެސް ދެން. ކޮމްޕްރިހެންސިވް ކަވާއެއް ނަގާފައިވާ އުޅަނދެއް ވަގަށް ނަގައިފި ނަމަ އޭގެ ބަދަލު އަޅުގަނޑުމެން ދެން. މިއީ މިހާރު ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުންދާ ޕޮލިސީ އެއް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ޕޮލިސީ ނަގާއިރު، ޕްރިމިއަމް ނުވަތަ ޕެކޭޖުގެ އަގު ކަނޑައަޅާނީ އެ ވެހިކަލެއްގެ އަގަށް ބެލުމަށް ފަހު އެވެ. އަދި މި ހުރިހާ ޕެކޭޖަކީ ވެސް އާންމުންނަށް ފަސޭހަ ކަމާއެކު، އަތް ފޯރާ އަގުތަކެއްގައި ލިބެން ހުންނާ ޕެކޭޖުތަކެއް ކަމަށެވެ.

އަމާނާ ތަކާފުލްގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ޚިދުމަތަކީ ވެސް "ވަށާޖެހޭ" ޚިދުމަތަކަށް ވުމެވެ. ސައިކަލް އެ ދުއްވާ މީހާގެ އިތުރުން ފަހަތުގަ އިންނަ މީހާ، ދުއްވަން އިންނަ އުޅަނދު އަދި ސައިކަލް އެކްސިޑެންޓުގައި ތިންވަނަ ފަރާތަށް ލިބޭ ގެއްލުން ކަވަރު ކުރެވޭ ކޮމްޕްރިހެންސިވް ކަވަރޭޖަކީ މީގެ އެންމެ ފުރިހަމަ އެއް މިސާލު ކަމަށް އަމާނާތަކާފުލް އިން ބުނެ އެވެ.

އިސްލާމީ އިންޝުއަރެންސް ނުވަތަ ތަކާފުލްގެ ހިދުމަތް ދެމުން އަންނަ ކުންފުނިން އަންނަނީ އަބަދު ވެސް ތަފާތު، އަދި ރަނގަޅު އިންޝުއަރެންސް ޕޮލިސީތައް ތައާރަފް ކުރަން މަސައްކަތް ކުރަމުންނެވެ. އަދި އެއްގަމު އުޅަނދުގެ އިތުރުން އެހެން ހުރިހާ ދާއިރާ ތަކަށް ވެސް މިފަދަ ހާއްސަ ޕޮލިސީތައް އެ ކުންފުނީގައި އެބަހުއްޓެވެ. އަދި، އެ ކުންފުނީގެ އަމާޒަކީ ކުރިއަރަމުން އަންނަ ޒުވާން ހިޔާލުތަކާ ފައިހަމަކުރެވޭ ފަދަ، މުޖުތަމައަށް ފައިދާހުރި އިންޝުއަރަންސް ޚިދުމަތްތައް ކެނޑިނޭޅި ފޯރުކޮށް ދިނުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.