ރިސޯޓުތައް ކައިރީގައި ހުންނަ ފަޅުތައް ހިއްކާތީ މަޓީ ކަންބޮޑުވެއްޖެ

ރިސޯޓުތައް ކައިރީގައި ހުންނަ ފަޅުތައް ހިއްކާތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށް އުފައްދާފައިވާ ޖަމިއްޔާއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، ފަޅުތައް ހިއްކުމުން ރާއްޖޭގެ ރީތި ކަމަށް ގެއްލުންވާނެތީ، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ 167 ވަނަ ބޯޑު ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ހިއްސާ ކުރި ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.

ފަޅުތައް ހިއްކުމުން ކުރާނެ ނޭދެވޭ އަސަރާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރާއެކު މަޝްވަރާ ކުރި ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް މަޓީގެ އަހަރީ ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

މަޓީން ބުނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އެއް ރަށް، އެއްވެސް ބޭނުމަކު ދޫނުކޮށް ބޭއްވުމާ ބެހޭ ގޮތުން ވެސް އަހަރީ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިިވާ ކަމަށެވެ.

މަޓީން ބުނިގޮތުގައި ކޮންމެ އަތޮޅަކުން ވެސް އެއް ފަޅުރަށް އެއްވެސް ބޭނުމެއް ނުކޮށް، ބޭއްވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން އެކި ފަހަރު މަތިން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައި ވާނެ އެވެ.

ބައެއް ފަޅުތައް ހިއްކުމުން ރާއްޖޭގެ ރީތި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ މަޓީން ކަންބޮޑުވުން ފާޅުކުރިއިރު، ޓޫރިޒަމް އެންމެ ބޮޑު ޒޯނު ކަމަށްވާ މާލެ އަތޮޅުގައި ރިސޯޓު ހެދުމަށް ވަރަށް ގިނަ ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރަމުން އެބަގެންދެ އެވެ. ބައެއް ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރާއިރު ކައިރީގައި އޮންނަ ރިސޯޓުތަކަށް ކިސަޑުގެ އަސަރު ކުރަމުންދާ ކަމުގެ ޝަކުވާ ވެސް ކުރެ އެވެ.