މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ، ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލަށް އަމަލުކުރުން ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު، އެ އޮތޯރިޓީން ނެރުނު އިއުލާނަށް އަމަލު ކުރަން ފަސް ކުރީ ކުރިއަށް އޮތް ހަފްތާއަކީ ސްކޫލްތައް ބަންދު ހަފްތާއަކަށްވެފައި، ވިޔަފާރިވެރިންނަށް "ތައްޔާރުވުމަށް" އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާއިރު، އެ ގަޑިތަކަށް އަމަލު ކުރަން ފަށާ ތާރީހަކީ އަންނަ މަހުގެ އެއް ވަނަ ދުވަސް ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ މުދަލާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި ބޯ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ވަނީ ބުނެފަ އެވެ.
ކުރިން އޮތް ގޮތުންނަމަ، މި ގަވައިދަށް އަމަލުކުރަން އޮތީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރު ކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 ން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑުރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
ޓްރާންސްޕޯޓުގެ އިއުލާންގައިވާ ގޮތުން ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުގެ އިތުރުން، ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވާ ކަމަށް ބުނެ އެވެ.
ޓްރާންސްޕޯޓުގެ އާ އުސޫލުގެ ސަބަބުން ބައެއް މީހުންގެ ނަޒަރުގައި މިއީ، މުހިންމު އަދި ލަސްވެއްޖެ ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން މާލެ ތޮއްޖެހުމުގެ މައްސަލައަށް ނިމުމެއް އައީ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އެކަމަކު، އަނެއް ބައި މީހުންގެ ނަޒަރުގައި ޓްރާންސްޕޯޓުން އެޅި ފިޔަވަޅުގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހޭނީ އިތުރު ތަކުލީފެކެވެ.