މާލޭގެ މަގުތައް ތޮއްޖެހޭތީ ޓްރާންސްޕޯޓު އޮތޯރިޓީން މި ވަނީ ބޮޑު ބަދަލެއް ގެނެސް އެކަން އިއުލާންކޮށްފަ އެވެ. ގަނޑުކޮށް މުދާ ބަރުކޮށްގެން ފިހާރަތަކަށް އުފުލުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި ނުކުރެވޭނެ އެވެ. މި ބަދަލު މިހާރު ބޮޑު ބަހުސަކަށް ވެއްޖެ އެވެ.
ޓްރާންސްޕޯޓުން އިއްޔެ ކުރި އިއުލާންގައިވާ ގޮތުން ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުގެ އިތުރުން، ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވާ ކަމަށް ބުނެ އެވެ.
މުދާ އުފުލުމުގެ ގަވައިދުގެ 7 ވަނަ މާއްދާގެ (ދ) އަށް އިސްލާހު ގެނެސް، ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން ގަނޑުކޮށް މުދާ އުފުލުން ވަކި ގަޑިތަކެއްގައި މަނާވީ އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑުރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
މާލޭގައި މުދާ އުފުލޭނެ ގަޑިތައް
- ވިއްކުމަށާއި ގުދަންކުރަން ގަނޑުކޮށް އުފުލާ މުދާ (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)
- ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ސިމެންތި (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)
- ބިއްލޫރި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގާ (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)
- ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)
- ކައްކާ ގޭސް (ހެނދުނު 8:30 އިން 11:00 އަށް - ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު)
ޓްރާންސްޕޯޓުން މި އެޅީ، ބައެއް މީހުންގެ ނަޒަރުގައި، މުހިންމު އަދި ލަސްވެއްޖެ ފިޔަވަޅެކެވެ. މުދާ އުފުލާ އުނދުފަހަރުގެ ސަބަބުން މަގުތައް ބްލޮކްވެ، ގިނަ އިރު އެ އަޅާ "ބަރުގޮނު" ގެ އަޑު ނިމުމަކަށް އައީ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. މަގު ބްލޮކްވުމުގެ ސަބަބުން ސްކޫލްތަށާއި ވަޒީފާތަކަށް މީހުން ގަޑި ޖެހިގެން ދިއުން ނިމުމަކަށް އައީ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
އެކަމަކު، އަނެއް ބައި މީހުންގެ ނަޒަރުގައި ޓްރާންސްޕޯޓުން އެޅި ފިޔަވަޅުގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހޭނީ އިތުރު ތަކުލީފެކެވެ. މާލެއަށް "ހުއްޓުމެއް ނެތި" އުޅަނދުފަހަރު އެތެރެކުރަމުން އަންނައިރު، އެ އެއްޗެހި މަދުނުކުރަނީސް، ތޮއްޖެހުމުގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް އެމީހުން ދެކެ އެވެ.
އިބޫ ނަމުގައި "މިހާރު" ގައި ކޮމެންޓު ކުރި މީހަކު ބުނި ގޮތުގައި ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާ ކުރުމަކީ މާ ކުރިން ވެސް މަޖުބޫރުކުރަން ޖެހޭ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މުދާ އުފުލާ އުޅަނދުފަހަރު ދުވާލު ވަގުތުތަކުގައި ސިޓީ ތެރޭގައި ނުދުއްވޭ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އައިޖޭ ނަމުގައި ކޮމެންޓު ކުރި މީހަކު ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭރަށް ނިކުމެ އުޅޭ ބަޔަކު އުޅޭހެން ހީނުވާ ކަމަށެވެ. މި ނިންމުމުގެ ސަބަބުން ރޭގަނޑު 10:00 ޖަހާއިރު ބަންދުކުރާ ފިހާރަތަކަށް ފެން އުފުލަން ޖެހޭނީ ރޭގަނޑު 11:00 އިން ފެށިގެން ކަން އޭނާ ފާހަގަކުރި އެވެ.
ބައެއް މީހުން ބުނި ގޮތުގައި މި ނިންމުމާ އެކު، ފިހާރަތަކުގައި އުޅޭ މީހުންނަށް 10 ގެ ފަހުން އަނެއްކާ ވެސް މަސައްކަތުގައި އުޅެން ޖެހޭނެ އެވެ. އަދި ފެން ކަހަލަ އެއްޗެހި ފިހާރައަށް ގެންނާނެ ވަގުތެއް ނޭނގި އެތައް އިރަކު ތިބެން ޖެހިދާނެ ކަމަށް ވެސް، ބައެއް މީހުން ލަފާކުރެ އެވެ.
އެންމެ ބޮޑަށް ފާޑުކިއަމުން އަންނަ އެއް ކަމަކީ ކައްކާ ގޭސް ޑެލިވަކުރާ ގަޑި މަދުވުމުގެ މައްސަލަ އެވެ. އެގޮތުން ހެނދުނު 11:00 އިން ރޭގަނޑު 8:00 އާ ދެމެދު ގޭސް ޑެލިވަރީ ނުކުރެވޭ ގޮތް ހެދުމުން، އެއިން ގަޑިއެއްގައި ގޭސް ހުސްވެގެން ނުކައި ތިބެންވީތޯ އެއް ބަޔަކު ސުވާލުކުރެ އެވެ.
"ގޭސް ފުޅި ގެންނަންދެން ގޭގެ މީހުން ނުނިދާ. ގެ ރާނަން ގާ ގެންނާތީ ދަންވަރު ހޭލާ. ދެން އަތް ޖަހާ ބާރަށް،" އައިޖޭ ނަމުގައި ކޮމެންޓް ކުރި މީހަކު، މަލާމާތަކަށް، ބުންޏެވެ.
މޯލްޑިވިއަން އައިޑަލް އިން ވިދާލި ލަވަކިޔުންތެރިޔާ އިބްރާހިމް އަމަން ހުސެއިން ބުނި ގޮތުގައި ޓްރާންސްޕޯޓުގެ ނިންމުމާ އެކު ޓްރެފިކަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. އަދި ކަޅު ދުންތައް ނިކުންނަ ހުރިހާ އުޅަނދުފަހަރެއް ދުއްވުން މަނާކޮށްދީފި ނަމަ، ވަރަށް ހިތަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔާޕޭ ކަލޯ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ މިއީ ރަނގަޅު ނިންމުމެއް ނަމަވެސް، ޓްރާންސްޕޯޓުގެ ނިންމުން އިތުރަށް ތަފްސީލްކޮށްދޭން ޖެހޭ ކަމަށެވެ.
އެގޮތުން ދުވާލު ގަޑީގައި ބިއްލޫރިގަނޑެއް ގަނެގެން، ތަނަކަށް ގެންދެވިދާނެތޯ އޭނާ ސުވާލު ކުރި އެވެ. އަދި ފިހާރަތައް ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވާއިރު، 10 ގެ ފަހުން ފިހާރަ ހުޅުވާފައި ބެހެއްޓުމުގެ ކަންކަން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މުހައްމަދު ނިޒާމް ނަމުގައި ފޭސްބުކްގައި ޝުއޫރު ފާޅުކުރި މީހަކު ބުނީ ޓްރާންސްޕޯޓުގެ ނިންމުމުގެ ސަބަބުން ފިހާރަތަކާއި ފެރީތަކުގައި މަސައްކަތް ކުރާ މީހުން ރޭގަނޑު ހޭލާ ތިބެން ޖެހޭނެ ކަމަށެވެ. އެހެންވެ، 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ރިލްވާން ނަމުގައި ހިޔާލު ފާޅުކުރި މީހަކު ދެކޭ ގޮތުގައި މި ނިންމުމުގެ ސަބަބުން ބޯ ފެން ލިބުމުގައި އިތުރު ދައްޗަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން މިހާރު ވެސް ބޯ ފެނަށް ހެނދުނު އޯޑަރު ދިނުމުން ލިބެނީ ރޭގަނޑު ފިހާރަތައް ބަންދުކުރަން ގާތްވެފައި ވަނިކޮށް ކަމަށް އޭނާ ބުންޏެވެ. އަދި މިއީ "ބޯ ހަމަނުޖެހޭ މީހުން" ކަންކަން ކުރާތީ ވާ ގޮތް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ބައެއް މީހުން ވަނީ ޓްރާންސްޕޯޓުގެ ނިންމުމަށް ވަރަށް ބޮޑަށް "ޖޯކު" ވެސް ޖަހައިފަ އެވެ. އެގޮތުން އެކަކު ބުނީ ހެނދުނު 11:00 އިން ރޭގަނޑު 8:00 އަށް ނަމަނަމަ ގޭސް ފުޅި ހުސް ނުކުރުމަށެވެ. އަދި އަންނަ ހަފްތާގެ ހުތުބާގައި ދުވާލު ގަޑީގައި މުދާ އުފުލުމާ ބެހޭ ގޮތުން ނުލިޔާނެތޯ ވެސް އެކަކު ސުވާލުކުރި އެވެ.
އަނެއް ބައެއްގެ ނަޒަރުގައި ދުވާލު ގަޑީގައި ލޮރީތަކުގައި ކުނި ނުއުފުލޭ ގޮތް ވެސް ހަދަން ޖެހެ އެވެ. ކުނި ލޮރީތަކާ ހެދި މިހާރު ވެސް އާންމުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމީހުން ބުނެ އެވެ.
މި ގަވައިދަށް ފާޑުކިއަމުން އަންނަ ގިނަ މީހުން ބުނަނީ ދެ ތިން ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓުން، މި ގަވައިދު އުވާލާ ނުވަތަ ގަޑިތަކަށް ބަދަލު ގެންނާނެ ކަން ޔަގީން ކަމަށެވެ. މިއީ ރޭވުންތެރިކަމާ އެކު ކަންކަން ކުރަން އެނގޭ ސަރުކާރެއް ނޫން ކަމަށާއި "ތަންދޮރުނުބަލާ" ހަދާ ގަވައިދު ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް އެމީހުން ދެކެ އެވެ. މިއީ ރައްޔިތުންނަށް "ޖެއްސުމަށް" ގެޒެޓްކުރި ގަވައިދެއް ކަމަށާއި މި ގަވައިދު ހެދީ މަޝްވަރާ ކުރެވިގެންތޯ ނޫނީ "ހިނދުކޮޅެއްގައި" އައި ހިޔާލަކުން ގެޒެޓްކޮށްލީތޯ ވެސް ބައެއް އާންމުން ގެންދަނީ ސުވާލުކުރަމުންނެވެ.
އާ ގަވާއިދުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް ވިޔަފާރިތައް ހިންގުމުގައި ވެސް ގެންނަން ޖެހޭނެ އެވެ. އަދި ކުދި ވިޔަފާރިތަކަށް ކުރިމަތިވާނެ ގޮންޖެހުންތައް ވެސް ކުޑަވެދާނެ ކަމަކަށް ނުފެނެ އެވެ.