މާލޭ ބަނދަރުގެ މަޖޫރީން މަސައްކަތް ހުއްޓާލުމުން މުދާ ބޭރު ނުކުރެވި، ބަނދަރު ހުއްޓުމަކަށް އައިސް، ބާޒާރުން ބައެއް މުދާ ހުސްވުމުގެ ބިރާ ކުރިމަތި ވެއްޖެ އެވެ.

މާލެ ތެރޭގައި މުދާ އުފުލަން ވަކި ގަޑިތަކެއް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހި މަޖޫރީން އިއްޔެ މަސައްކަތް ހުއްޓާލީ ދެ ސަބަބެއް ދައްކައިފަ އެވެ. އެއް ސަބަބެއް ކަމަށް އެ މީހުން ބުނަނީ ހަމައެކަނި ރޭގަނޑު މުދާ ބޭރުކޮށް، ތަންތަނަށް ގެންގޮސްދޭ ގޮތަށް އޮވެއްޖެ ނަމަ އެ މީހުންނަށް ވަރަށް ބުރަވާނެ ކަމަށެވެ. އެހެންކަމުން އެ ގަޑި ބަދަލުކުރަން އެ މީހުން އެދެ އެވެ. ދެ ވަނަ ސަބަބަކީ، ގަޑި ބަދަލުނުކުރާ ނަމަ، މިހާރު ކޮންޓެއިނަރެއް ހުސްކުރަން ނަގާ އަގު ބޮޑުކުރުމެވެ. ނަމަވެސް އަގު ބޮޑުކުރާކަށް ވިޔަފާރިވެރިން ބޭނުމެއް ނުވެ އެވެ.

ވިޔަފާރި ބަނދަރުން ޕިކަޕަކަށް ކޯސްޓް ކިރު ކޭސްތަކެއް އަރުވައިގެން ދަނީ: މަޖޫރީން މަސައްކަތް ހުއްޓާލުމުން ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުން .-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ވިޔަފާރި ބަނދަރުން ޕިކަޕަކަށް ކޯސްޓް ކިރު ކޭސްތަކެއް އަރުވައިގެން ދަނީ: މަޖޫރީން މަސައްކަތް ހުއްޓާލުމުން ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުން .-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ރާއްޖެ އަށް ގިނަ މުދާ އެތެރެކުރަނީ ކޮންޓޭނަރުތަކުގަ އެވެ. އަދި އެ ނޫން ގޮތްގޮތަށް ގެންނަ މުދަލުގެ ބޮޑު ބައެއް ވެސް ބަނދަރުން ނެރެ، ތަންތަނަށް ގެންގޮސްދެނީ މަޖޫރީންނެވެ. އެހެންކަމުން އެ މީހުން މަސައްކަތް ނުކުރާ ނަމަ މުޅި ބާޒާރަށް އޭގެ އަސަރު ފޯރަ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވިޔަފާރިވެރިޔަކު ވިދާޅުވީ އިއްޔެ ބަނދަރުން ބޭރުކުރެވުނީ ވަރަށް މަދު ކޮންޓޭނަރެއްގެ މުދަލެވެ.

"މިހާރު މިދާ ގޮތުން ބާޒާރުމަތީ ފިހާރަތަކުން މުދާ ހުސްވެދާނެ،" އޭނާ ވިދާޅުވި އެވެ.

ފިޔާ އަލުވި ކަހަލަ އެއްޗެހި މަދުވެއްޖެ ނަމަ އަގު ބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަައް ކުރިމަތިވެ އެވެ. އަދި ރޯދަމަސް ކައިރީގައި އޮތުމާ އެކު، މިހާރުގެ މައްސަލަ އިިން އިތުރު ނުބައިތަކެއް ނުކުމެދާނެ ކަމަށް ވެސް، ކުރިން ވާހަކަ ދެއްކެވި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ބަދަލުނުކުރަނީސް އަލުން މަސައްކަތެއް ނުކުރާނެ ކަމަށް ބުނެ، ވިޔަފާރި ބަނދަރުގައި މުދާ ކްލިއާކުރަން އުޅޭ މަޖޫރީން މިއަދު ވެސް މަސައްކަތް ނުކުރަން ނިންމައިފި އެވެ.

މަސައްކަތް ފަށާނީ ގަޑި ބަދަލުކުރުމުން

މަޖޫރީންގެ ގޮތުގައި އުޅެނީ މުޅިން ވެސް ދިވެހިންނެވެ. މަޖޫރީންގެ ގްރޫޕްތައް ގެންގުޅޭ މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން އެ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ. އެމްޕީއެލް އިން ލަފާކުރަނީ 200 އެއްހާ މީހުން މަޖޫރީންގެ ގޮތުގައި އުޅޭނެ ކަމަށެވެ.

މަޖޫރީންގެ ގްރޫޕެއް ގޮވައިގެން މަސައްކަތްކުރާ މީހަކު ބުނީ އަލުން މަސައްކަތް ފެށޭނީ މިހާރު ހަމަޖައްސާފައިވާ ގަޑިއަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"މިތަނުގައި ހަތަރުދަމު މަސައްކަތްކުރެވޭނެ ވަރެއް އަޅުގަނޑުމެންގެ ގައިގައި ނެތް. އަޅުގަނޑުމެން ބޭނުން ނިދަން ވެސް. ނަމަވެސް މިހާރު މިއޮންނަ އުސޫލުން ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެން އެބަ ޖެހޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މަސައްކަތްކުރާ ގަޑި ބަދަލުކޮށްދޭން އެމްޕީއެލްއާ އެކު އިއްޔެ ވެސް ވާހަކަދެކެވުނު ކަމަށެވެ. އަދި މިހާރުގެ އުސޫލަށް ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް ނުލިބޭތީ މާލޭ ސިޓީ ކައުންސިލާއި ޕީޕީއެމްގެ އޮފީހަށް ވެސް މިއަދު ދާނެ ކަމަށް އޭނާ ބުންޏެވެ.

އާ އުސޫލާ އެއްގޮތަށް މަސައްކަތްކުރަންޏާ، ބައެއް ވިޔަފާރިވެރިން ބުނަނީ، މަޖޫރީން ވެސް ދެ ޝިފްޓަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެކަން ކޮށްދޭ އަގުގައި ދެ ޝިފްޓަށް ބަދަލުނުކުރެވޭނެ ކަމަށް، މަޖޫރީންގެ ގްރޫޕެއް ގެންގުޅޭ މީހަކު ބުންޏެވެ.

"އަޅުގަނޑުމެންގެ ގްރޫޕްގައި އެބަ އުޅޭ 25 މީހުން. މިތަނުގައި ދެ ޝިފްޓަށް މަސައްކަތްކުރަންޏާ އިތުރު މީހުން ބޭނުންވާނެ،" އޭނާ ބުންޏެވެ.

"އެ ވަރަށް މީހުން އިތުރުކުރެވޭނީ އާމްދަނީ އިތުރުވެގެން. ނަމަވެސް މިހާރު މި ހަމަޖެއްސި އުސޫލުން އަގު ބޮޑުކުރެވޭކަށް ނެތް."

ބާޒާރުމަތީގައި ހުރި ފިހާރައަކަށް ލޮރީއަކުން ރޭ މުދާ ބާލަނީ: ހަމައެކަނި ރޭގަނޑު މުދާ އުފުލާ ގޮތަށް ހަމަޖެއްސީ މާލޭގެ މަގުތައް ދުވާލު ގަޑީގައި ތޮއްޖެހުން ކުޑަކުރަން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ބާޒާރުމަތީގައި ހުރި ފިހާރައަކަށް ލޮރީއަކުން ރޭ މުދާ ބާލަނީ: ހަމައެކަނި ރޭގަނޑު މުދާ އުފުލާ ގޮތަށް ހަމަޖެއްސީ މާލޭގެ މަގުތައް ދުވާލު ގަޑީގައި ތޮއްޖެހުން ކުޑަކުރަން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މުދާ އުފުލަން ރޭގަނޑު ވަގުތު ހާއްސަކުރީ، ސަރުކާރުން ބުނާ ގޮތުގައި، މާލޭގެ މަގުތައް ތޮއްޖެހުމުން ސަލާމަތްކުރާށެވެ. އަދި އިއްޔެ އެ އުސޫލަށް އަމަލްކުރަން ފެށުމުން މާލެ ތެރޭގައި ކުރިން ތޮއްޖެހުން ބޮޑު މަގުތައް ފެނުނީ ކުރިއަށް ވުރެ އަމާންކޮށެވެ. އަދި މުދާ އުފުލާ ގަޑީގައި ވެސް މާލޭގެ މަގުތައް ބިޒީ ނުވާކަން ބައެއް މީހުން ފާހަގަކުރި އެވެ.

އެކަމަކު އެ ވާހަކައާ، މަޖޫރީން ގެންގުޅޭ އެކަކު ދެކޮޅުހެދި އެވެ. އޭނާ ބުނީ ރޭގަނޑު ވެސް މަގުތައް އަމާންކަމަށް ނޫސްތަކުގައި ލިޔުނުއިރު ބަނދަރުން މުދާ ހުސްކުރަން ގެންގުޅޭ ލޮރީއެއް ރޭ މަގުމައްޗަށް ނުނިކުންނަ ކަމަށެވެ.

"މިތަނުގައި އަޅުގަނޑުމެން މަސައްކަތް ފަށައިގެން ހުރިހާ ލޮރީތަކާއި ޕިކަޕްތަކާ އެކު މަގުމައްޗަށް އެއްފަހަރާ ނުކުތުމުން އެނގޭނެ މަގުތައް ތޮއްނުޖެހޭކަން،" މަލާމާތަކަށް ހަދާފައި އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ވެސް މަސައްކަތް ފަށައިފި ނަމަ ރޭގަނޑު މުޅި މަގުތައް އޮންނާނީ ތޮއްޖެހިފައި."

މަޖޫރީން މަސައްކަތް ފަށައިފި ނަމަ ކޮންޓެއިނަރުން މުދާ ހުސްކޮށްގެން ލޮރީތަކުގައި މަގުތަކަށް ނިކުންނަން ފެށޭނީ ގާތްގަނޑަކަށް އަށެއް ޖަހާކަންހާއިރު ކަމަށް މަޖޫރީން ބުނެ އެވެ.

މުދާ ހުސްނުކުރެވިއްޖެ ނަމަ ގެއްލުން

ވިޔަފާރިވެރިއަކު ވިދާޅުވީ މަޖޫރީން މަސައްކަތް ހުއްޓާލުމުން އިއްޔެ ވެސް ދެ ކޮންޓެއިނަރުގެ މުދާ ހުސްނުކުރެވި އެބަހުރި ކަމަށެވެ. އޭގެ ޑެމަރޭޖްގެ ގޮތުގައި މިހާތަނަށް 85،000ރ. ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖޫރީން މަސައްކަތްކުރުން ހުއްޓާލުމުން އެކަމުގެ ގެއްލުން މި ލިބެނީ ވިޔަފާރިވެރިންނަށް. އަޅުގަނޑުމެން އެބަ ޖެހޭ ސަރުކާރާ ވާހަކަދައްކައިގެން މި މައްސަލައަށް ހައްލެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

މަޖޫރީންގެ މައްސަލައަށް ހައްލެއް ހޯދަން އެމްޕީއެލް އިން އިއްޔެ އެ މީހުންނާ އެކު މަޝްވަރާކުރި އެވެ. އަދި މިހާރުގެ އުސޫލާ އެއްގޮތަށް މަސައްކަތްކުރެވޭތޯ އެ ކުންފުނިން އަންނަނީ އަދިވެސް މަޖޫރީންނާ ވާހަކައްކަމުން ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.