ވިޔަފާރި / ރިޕޯޓް

ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ނެތީތަ؟

މާލޭގެ މަޖީދީމަގު ވެހިކަލްތަކުން ތޮއްޖެހިފައި: ޓްރެފިކް މައްސަލަ ހައްލުކުރަން މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މަދުކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭ.

މާލޭގެ މަގުތައް މިވަނީ ވެހިކަލްތަކުން ތޮއްޖެހިފަ އެވެ. ވަކި ވަގުތެއް ނެތެވެ. ސައިކަލެއް ނުވަތަ ކާރެއްގައި ވިޔަސް ތަނަކަށް ދަތުރެއް ކުރުން މިހާރު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. މި މައްސަލައަަށް ހައްލެއް ނުލިބި، ދުވަހެއް ދުވަހަކަށް މާލެ މިދަނީ ވެހިކަލްތަކުން ފުރި ބާރުވަމުންނެވެ.

ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އޮތް ގޮތަށް އޮއްވައި، ކުއްލިއަކަށް މިދިޔަ ބުރާސްފަތި ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލޭތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރަން ނިންމައިފަ އެވެ. އެ ބަދަލާ އެކު ގިނަ ވިޔަފާރިވެރިން ވަނީ ރަތަށް އަރައިފަ އެވެ. ރޭގަނޑު ދަންވަރު ފިހާރަތަކާއި ގުދަންތައް ހުޅުވައިގެން މަސައްކަތްކުރުމަކީ އެއްވެސް ބަޔަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

މިދިއަ ބުރާސްފަތި ދުވަހު ޓްރާންސްޕޯޓުން ނެރުނު އިއުލާނާ ގުޅިގެން އެކި ފަރާތްތަކުން ޝަކުވާކުރަން ފެށުމުން ހޮނިހިރު ދުވަހު ވަނީ އެ އުސޫލަށް އަމަލުކުރުން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

ތަކެތީގެ އަގު ބޮޑުވާނެ

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އަދި ހައްލެއް ނުލިބެ އެވެ. އެންމެ ބޮޑު މައްސަލައެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރަނީ ރޭގަނޑު ދަންވަރު ފިހާރަތައް ހުޅުވައިގެން މުދާ ސަޕްލައިކުރަން ތިބެން ޖެހުމެވެ. އޭގެ ސަބަބުން އެހެން މައްސަލައެއް ވެސް ދިމާވެ އެވެ. އެއީ ރޭގަނޑު ވަގުތު މަސައްކަތްކުރަން ޖެހުމުން ތަކެތީގެ އަގު ބޮޑުވުމެވެ. ވިޔަފާރިވެރިން މިހާރު ވެސް ވަނީ ތަކެތީގެ އަގުބޮޑުވެދާނެ ކަމުގެ ސިގްނަލް ދީފަ އެވެ.

"ރޭގަނޑު ފިހާރަތައް ހުޅުވައިގެން މުދާ ސަޕްލައިކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގަށް ބަދަލު އަންނާނެ. އަދި މިގޮތަށް ދާއިމަށް ކުރިޔަށް ގެންދިއުމަކީ ދަތި ކަމަކަށް ވާނެ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ވިޔަފާރިވެރިއަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.

"މިއަށް ވުރެ ރަނގަޅު ހައްލެއް ހޯދަން ސަރުކާރުން ވިޔަފާރިވެރިންނާ މަޝްވަރާކުރަން ޖެހޭ."

އެ ވިޔަފާރިވެރިޔާ ވިދާޅުވީ ރޭގަނޑު ފިހާރަތައް ހުޅުވައިގެން މުދާ ސަޕްލައިކުރަން ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަމައެކަނި ރޭގަނޑު މުދާ ސަޕްލައިކުރަން ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި ނަމަ މުޅި ބާޒާރުމަތީގެ ވިޔަފާރި ބަދަލުވެގެން ދާނެ އެވެ. މާލެ ތެރޭގައި ހިންގާ އެކި ފިހާރަތަކަށާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކަށް ވެސް މުދާ ސަޕްލައިކުރަން ޖެހޭނީ ރޭގަނޑު އެވެ. އެއާ އެކު ދުވާލު ގަޑީގައި ބާޒާރުމަތީގެ ވިޔަފާރި އޮންނާނީ ހުއްޓިފަ އެވެ. އެ ސަރަހައްދުގެ ގިނަ ފިހާރަތަކަކީ ވަކިވަކިން ތަކެތި ވިއްކުމުގެ ބަދަލުގައި ހޯސޭލްކޮށް މުދާ ވިއްކަން ޓާގެޓްކޮށްގެން ހިންގާ ތަންތަނެވެ.

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ އަރުވާފައިވާ ލޮރީއެއް: ރަށު ތެރޭގައި ހުންނަ ގުދަންތަކަށް މުދާ ގެންދިއުމަށް ވަކި ގަޑިތަކެއް މިހާރު ވަނީ ކަނޑައަޅާފައި.

މާލެ ތެރޭގެ ފިހާރަތަކާއި ރަށްރަށަށް މުދާ ގެންދާ ވިޔަފާރިވެރިން މުދާ ގަންނަން ބާޒާރަށް ދަނީ ދުވާލު ގަޑީގަ އެވެ. އެހެންވެ އެއީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ އުސޫލަށް އަމަލުކުރަން ފަށައިފި ނަމަ މުޅި ބާޒާރުމަތީގެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ އެވެ. މިއީ ވިޔަފާރިވެރިންނަށް އެފޯޑްކުރެވޭނެ ކަމަކަށް ނުވާނެ އެވެ.

"ރޭގަނޑު ސަޕްލައިކުރާ ނަމަ ބާޒާރުމަތީ ފިހާރަތަކުގެ އިތުރުން ރަށުތެރޭގެ ފިހާރަތައް ވެސް ހުޅުވައިގެން ތިބެން ޖެހޭނީ. އަޅުގަނޑަށް ހިއެއްނުވޭ ސަރުކާރުން މިގޮތަށް ބާއްވާނެހެނެއް. ސަރުކާރުގެ ބޭނުމަކަށް ވެސް ވާނީ ވީހާ ވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުން،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

ބާޒާރުމަތީގައި ވިޔަފާރިކުރާ އެހެން ވިޔަފާރިވެރިއަކު ވެސް ވިދާޅުވީ ހަމައެކަނި ރޭގަނޑު ދަންވަރު މުދާ ސަޕްލައިކުރަން މުވައްޒަފުން ހޭލާ ބޭތިއްބެން ނޯންނާނެ ކަމަށެވެ.

"ޓްރެފިކް މައްސަލަ ހައްލުކުރަން ޖެހޭނީ ވިޔަފާރިތައް ހުއްޓުވައިގެނެއް ނޫން. އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ވެސް ބޭނުން. ކީއްވެ މާލޭގައި މިހާ ސައިކަލުތަކާއި ކާރުތައް ގިނަވެގެން މިއުޅެނީ؟. ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ޓްރެފިކަށް ބޮޑު ބަދަލެއް އައި އެހެން ކަމެއް ވެސް އެއް ވިޔަފާރިވެރިޔަކު ފާހަގަކުރެއްވި އެވެ.

"އިސްލާމީ މަރުކަޒުގެ ދެ ފަރާތުގައި އޮންނަ ދެ މަގު ބަންދުކުރުމުން ބާޒާރުމަތިން ރަށު ތެރެއަށް ދަތުރުކުރަން ޖެހޭ މަގުތައް މިވަނީ ފުރި ބާރުވެފައި. ހާއްސަކޮށް ސްކޫލްތައް އޮންނަ ގަޑީގައި އެއްގޮތަކަށް ވެސް ދަތުރެއް ކުރެވޭ ވަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ފިޔާ ބަސްތާތަކެއް ހިފައިގެން މީހަކު ދަނީ: މާލޭގައި ޓްރެފިކް އެންމެ ބާރުބޮޑު ސަރަހައްދަކީ ބާޒާރުމަތި. ފޮޓޯ: ނިޝާން އަލީ / މިހާރު

ވިޔަފާރިވެރިން ބުނާ ގޮތުގައި ބޮޑެތި ލޮރީތަކުން މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރަން ބޭނުން ނަމަ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ޖެހެ އެވެ. އެންމެ ބޮޑު މައްސަލައެއް ގޮތުގައި ފާހަގަކުރަނީ ގަލޮޅަށާއި ހެންވޭރަށް މުދާ ހިފައިގެން ދަތުރުކުރަން އުފުލަން ޖެހޭ ތަކުލީފެވެ.

"ބާޒާރުމަތީގައި ހުންނަ ފިހާރައަކުން މުދާ ހިފައިގެން ގަލޮޅަށް ނުވަތަ ހެންވޭރަށް ދާ ނަމަ މިހާރު ގަޑިއިރަކަށް ވުރެ ގިނައިރު ނަގާ. ވާ ގޮތަކީ ސްކޫލް ގަޑީގައި ޗާނދަނީމަގުގެ އުތުރު ކޮޅު ބަންދުކޮށްލާނެ. ދެން ޖެހޭނީ ބޭރު މަގަށް ޑައިވާޓްކުރަން،" އޭނާ ބުންޏެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ ރޭގަނޑު ދަންވަރު ފަރުނީޗަރު ފަދަ ތަކެތި ހިފައިގެން ކޮންމެ ރެއަކު ދަތުރުނުކުރެވޭނެ ކަމަށެވެ.

"އޮފީސް ނިމޭ ގަޑި އާއި ސްކޫލްތައް ނިމޭ ގަޑީގައި ބޮޑެތި ވެހިކަލްތައް ނުދުއްވޭ ގޮތަށް ހެދިދާނެ. ނަމަވެސް މިހާރު އޮތް ގޮތަށް އަމަލުކުރަން ޖެހޭ ނަމަ ވިޔަފާރި ޑެޑްލޮކަކަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުންގެ އިތުރުން ހޯސޭލްކޮށް ފެންކާ ވިއްކާ ކުންފުނިތަކުގެ ވެސް ޝަކުވާއަކީ އެއީ އެވެ. ރޭގަނޑު ދަންވަރު ހޭލައި ތިބެ ފިހާރަތަކަށާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ގޭގެއަށް ވެސް ފެން ސަޕްލައިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.

ވެހިކަލްތައް މަދުކުރުން ނޫން ގޮތެއް ނެތް

މާލޭގައި ލައްކައަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްގެން ދުއްވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެ އަކަ ކިލޯމީޓަރުގެ ރަށެއްގައި މިއީ އިންތިހާއަށް ގިނަ އަދަދެކެވެ.

ވެހިކަލްތަކުން ތޮއްޖެހުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއްވެސް ކޮންޓްރޯލެއް ނެތި ބޭނުން އަދަދަކަށް ވެހިކަލް އެތެރެކޮށް ދުއްވުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި އަމަލުކުރާ ގޮތަށް މާލޭގައި އެންމެ ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުން އެ މައްސަލަ ކޮންމެވެސް ވަރަަކަށް ހައްލުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ބޭނުން ނަމަ އަހަރަކު މާލޭގައި ރަޖިސްޓްރީކުރެވޭނެ މިންވަރު ކަނޑައަޅަންވީ. އޭގެ އިތުރުން ސެކަންޑް ހޭންޑް ވެހިކަލްތަކުން ނަގާ ޑިއުޓީ ބޮޑުކުރަންވީ. އޭރުން ބާ ވެހިކަލްތައް ވެސް މަދުވާނެ،" ޓްރާންސްޕޯޓް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"އަދި އުޅަނދެއް ރަޖިސްޓްރީކޮށްގެން ދުއްވާނެ އެންމެ ދިގު މުއްދަތެއް ވެސް ކަނޑައަޅަން ޖެހޭ. މިފަދަ ފިޔަވަޅުތަކެއް ނާޅައި މި މައްސަލަ ހައްލެއް ނުވާނެ."

ޓްރާންސްޕޯޓްގެ އާ އުސޫލަކީ އެއް ބަޔަކަށް ކަމުދާ އުސޫލަކަށް ވެދާނެ އެވެ. އަދި އެކަން ދިފާއުކޮށް އެ އޮތޯރިޓީ އާއި ސަރުކާރުގެ ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް ދަނީ ވާހަކަދައްކަމުންނެވެ.

މާލޭގެ މަގެއްގެ ދެ ފަރާތުގައި އުޅަނދުތައް ޕާކްކޮށްފައި ހުރި އިރު، އެއްޗެހި ދުއްވުމަށް މަގުގެ މެދުގައި އޮތް ހުސް ތަންކޮޅު ތޮއްޖެހިފައި. --ފޮޓޯ ނިޝާން އަލީ/މިހާރު

ނަމަވެސް މިހާރު ގެނައި ބަދަލާ ގުޅިގެން ބައެއް ވަގުތުތަކުގައި މާލޭގެ މަގުމަތީގައި ބޮޑެތި ވެހިކަލްތައް ނުދުއްވި ނަމަވެސް، އެއާ އެކު މުދަލާއި ހިދުމަތުގެ އަގުތައް އުފުލުމަށް ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލް އިއުލާންކުރުމުން އެންމެން ވެސް ދައްކަނީ އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ކަމަށެވެ. އެކަމަކު ގަވައިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމުން ގަވައިދާ އެއްގޮތަށް އުޅެން މަގުފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ގުދަންތައް މިހުންނަނީ މުޅިން ގަވައިދާ އެއްގޮތަކަށް ނޫން. ގުދަންތަކުން މުދާ ލޯޑެއް ނުކުރެވޭނެ ގުދަން ތެރެއަށް ވައްދައިގެން ނޫނިއްޔާ،" ރަފީއު ވިދާޅުވި އެވެ.

"ހުސްއެކަނި އެއް ސައިޑެއް ނޫން އޮތީ. މިއާ އެކު އެބަ ޖެހޭ ގަވައިދުން މިކަންތައްކުރަން ބާރު އަޅަން ވިޔަފާރިކުރާ ފަރާތްތަކުން ވެސް."

އޭނާ ވިދާޅުވީ އަމިއްލަ ބޭނުމަކަށް ބާޒާރުން ވިޔަސް އެހެން ތަނަކުން ވެސް ތަކެތި ގަނެގެން ގެންދަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް ހަމަޖެއްސި އުސޫލަށް އަމަލުކުރަން ފަށައިފި ނަމަ ދިމާވާނެ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. އެކަން ތަޖުރިބާކުރުމުގެ ވަގުތު މި އަންނަނީ ޖެހެމުންނެވެ.

77 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 10%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޖޯ

29 April 2019

ޓްރެފިކް މައްސަލަ ހައްލުކުރަނ މީހަކު އުޅޭތަ؟ މާލޭ ގެތަކުގަ ހަދާފަ ހުރި ގުދަންތައް ރަށުތެރެއިން ނެރެބަލަ. ބޮޑެތި ލޮރީތައް މަގުތަކަށް ނުކުންނާތީ ޓްރެފިކް ބެދެނީ. ލަކުޑި ގުދަންތައް ތިލަފުއްޓަށް ހުޅުމާލެއަށް ފޮނުވާލަބަލަ.

The name is already taken The name is available. Register?

ދޮޅުރާތާ

01 April 2018

ފުރާޅު ސާފުކޮށްލުމަކުން އަދި ސާފު ވާރޭފެނެއް ނުނެގޭނެއެވެ.ދިޔަދޮވިވެސް ސާފުކުރާށެވެ.

The name is already taken The name is available. Register?

ބޭސްމަލަން

27 March 2018

ރާއްޖެ ތިން ހަތަރު ސަރަހައްދު ތަރައްޤީކޮށް އެތަންތަނަށް މީހުން ބަދަލުވުން ހައްލަކީ، އެހެން ހުރިހާ ވިސްނުމަކީ ބަލީގެ އަސްލު ބާއްވާފަ ސިމްޕްޓަމްސް އަށް ބޭސްކުރުން!

The name is already taken The name is available. Register?

ޓްރެފިކް

26 March 2018

ރޭގަނޑު ފިހާރަތައް ލައްޕާގަޑި 11:00ށް ބަދަލު ކުރިއަސް ރޭގަނޑު ގަޑީގެ ޓްރެފިކަށް ވަރަށް ބޮޑު ލުުޔެއް ލިބޭނެ. އަދި ސުޕަރމާރކެޓް ފަދަ ތަންތަން ލައްޕާގަޑި ދަންވަރު 1:00ށް ބަދަަލުކުރުމުން ވެސް ޓްރެފިކަށް އިތުރު ލުޔެއް ލިބޭނެ.

The name is already taken The name is available. Register?

ޕިކްސް

26 March 2018

މިހާރުވެސް ހަތަރު ފުރޮޅުލީ އުޅަދުފަހަރު ރަޖިސްޓްރީކޮށްދެނީ ގަރާޖެއްދެއްކީމަ. އެހެން ކަމުން ޓްރެފިކްގެ މައްސަލަ ހައްލުކުރަން ހަތަރު ފުރޮޅުލީ އުޅަދުފަހަރު މަގުމަތީ ޕާކުނުކުރެވޭނެ ގޮތް ހެދުން ރަނަގަޅުވާނެ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

މޫން

26 March 2018

މާލޭގެ ޓުރެފިކު މައްސަލަ މިހާބޮޑަށް ދިމާވެގެން އުޅެނީ މާލެ މިހާވަރަށް ތޮއްޖެހުމުގެ އިތުރަށް ތައުލީމީ ނިޒާމުގެ ދޯހޮޅި ކަމުންނެވެ. ޢެތައް ހާސް ދަރިވަރުންނެއް މަލޭގައި ތައިލީމު ހާސިލް ކުރަމުންދާއިރު ރެއާއި ދުވާލު އެތެއް ފަހަރަކު އިސްކޫލަށާއި ޓިއުޝަނަށް ދަރިންތައް އޮންނަނީ އުފުލަން ޖެހިފައެވެ. ޢަދި އިރުއިރު ކޮޅާ ކޮންމެވެސް އެއްޗެއް ހޯދަން ސްކޫލުން އަންގައެވެ. މިހެންވުމުން ހުރިހާ ބެލެނި ވެރިން މި އުޅެންޖެހެނީ ހަތަރު ދަމު މަގިމަތީގަ ދަތުރު މަތީގައެވެ. ވަޒީފާ ތަކުގައި އުޅޭ ބޭފުލުންވެސް އެތައް ބުރެއް ޖަހަންޖެހެއެވެ. ވީމާ އެއްދަންފަޅިޔަކަށް ސްކޫލްތައް ބަދަލުކޮށް ދަރިވަރުންގެ ބޭނުންތައް ސްކޫލް މާހައުލުން ހަމަޖެހޭނެގޮތް އިންތިޒާމު ކުރުން ވަރައްމުހިއްމެވެ.

The name is already taken The name is available. Register?

ސައިންޓިސްޓް

26 March 2018

މިހާރު މާލޭގެ ޓްރެފިކް ހާލަތު ރަގަޅު ކުރުމަށް އޮތީ ދެހައްލެއް. 1- މާލެއަށް ރަޖިސްޓްރީ ކުރެވޭ އަދި ދުއްވޭ ވެހިކަލް އަދަދު ގައި ކެޕްއެއް އޭޅުވުން. އެއީ މިހާރުވެސް ސިންގަޕޫރުގައި އަމަލު ކުރާ އުސޫލެއް 2- ސްކޫލުތަށް އެއްދަންފަޅި އަކަށް ބަދަލުކުރުން، އަދި މުދާ އުފުލާ ގަޑި ތަކަކީ ހެނދުނު ސްކޫލު އަދި އޮފީސްތަށް ފެށޭ ފަހުން ކަން ހަމަޖެއްސުން އަދި ސްކޫލު ތަކާއި އޮފީސްތަށް ނިމޭގަޑި އަދި ރޭގަނޑު 8 ން 10 އަށް މުދާ ނުއުފޫލޭގޮތަށް ހަމަޖެއްސުން. * މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ސަބަބުން އިތުރު އިޖުތިމާއީ އިގްތިސޯދީ މަައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށް ފެންނަނީ

The name is already taken The name is available. Register?

ހުރަސްތަ

26 March 2018

އަދި ބުނަން! މިހާރުވެސް މަގުކޮންނަން، ޝީޓު އަޅަން.... ހުއްދަ މިދެނީ ރޭގަނޑު. އެކަހަލަ ކަމެއް އޮންނަ ރެޔަކު ލާހިކެއްނޫން ނިދާލާކަށް. އަނެއްކާ އަނެއްކަންތައް. ޖެހިގެން ހުންނަ ފިހާރަޔަށް ފެނާ މުދަލާ ގެނެސް، ގޭގެޔަށް ގޭސްގެނެސް، ބަންގާޅީން ހަލޭލާ މިކަންތައްގަނޑުގެ އަޑުފަށްގަނޑާ ހެދި ނުނިދޭނެ. އަދި އެއުނދަގޫ އޭގެތެރޭން ބައެއްމީހުން ކުރާނެ މިގައިވައިދު އުވާލާތޯވެސް. ނޫންތަ؟ މީ ދިވެހިންނެއްނު؟ ކުރާނެ!

The name is already taken The name is available. Register?

ޢަހްމަދުބެ

26 March 2018

ދަންވަރު މާލޭގެ މަގުތަށް ހުންނާނީ ސީޓް އަޅާން ބަންދު ކޮށްފައި ކިހިނެެއް ލޯރީ މުދާ އުފުލާނީ

The name is already taken The name is available. Register?

އިލަބޯ

26 March 2018

ތިކަމުގެ ހައްލަކީ ސަރުކާރުގެ ކޮންމެ ކުންޕުންޔަކުން އިތުރު ދިހަޓަވަރު އަޅާާފަ ރާއްޖޭގެ ހުރިހާރައްޔިތުން މާލެއައުމައް ރައީސް ދެއްނެވުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454