މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފަށައިފި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެ ކޮމިޓީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ވިދާޅުވީ ރިޔާޒް އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމުގެ ކުރިން ވެސް އެ ކޮމިޓީން އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޓީގެ ސަބް ކޮމިޓީއަކުން މިހާތަނަށް 150 އޮޑިޓް ރިޕޯޓްގެ މައްސަލަ ބަލައި ތަޅުމަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެ ރިޕޯޓްތަކާ މެދު ތަޅުމުން ގޮތެއް ނިންމަން މަޖިލީހުގެ ރައީސަށް ދަންނަވާފައި. އެއީ ރިޕޯޓްތައް ވަކިވަކިންތޯ ނުވަތަ ގަނޑުކޮށް ތަޅުމަށް ހުށަހަޅައިގެންތޯ ގޮތެއް ގޮތެއް ނިންމާނީ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ތަޅުމުން ދިހަ ރިޕޯޓުން ދިހަ ރިޕޯޓުން ނިންމައި ދިނަސް،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާޒް އެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުށަހެޅިއިރު އެ މައްސަލަ ބަލައިދިނުމަށް ޖޫން 20 ގައި އެ ކޮމިޓީއަށް އެމްއާރުޑީސީން ހުށަހަޅާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިހާން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިހާން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"ރިޔާޒް ފޮނުވި މައްސަލައާ ގުޅިގެން ދަންނަވަން އޮތީ އެ މައްސަލަ މި ކޮމިޓީއަށް ހުށަހެޅިއިރު ވެސް އެއީ ލިބިފައިވާ މައްސަލައެއް ކަމަށް،" ނިހާން ވިދާޅުވި އެވެ.

އެ ކޮމިޓީގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވަނީ މާލިއްޔަތު ކޮމިޓީގެ މަސައްކަތް ވީހާވެސް އަވަސްކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މި ކޮމިޓީގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސްކުރަން. މިތަނުގެ މަސައްކަތް މިހާރު ވަރަށް ލަސްކަން ފާހަގަކުރަން،" ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވި އެވެ.

އެމްއާރުޑީސީގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެ ކޮމިޓީން އެ މައްސަލަ ބަލަން ޖެހެނީ ވަކި ބޭފުޅަކު ހުށަހަޅައިގެން ނޫން ކަމަށެވެ. އެ ކޮމިޓީއަށް އޮޑިޓާ ޖެނެރަލް ރިޕޯޓް ފޮނުވުމާއެކު އެ މައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކުންފުންޏަކީ ބޭނުންތެރި ކުންފުންޏެއްތޯ ބަލަން އެބަ ޖެހޭ. އަޅުގަނޑުމެން ވާނެ މީގެ ކުރިން ގެއްލުންވަމުންދާތީ އެމްއެންއެސްއެލް ވެސް އުވާލަން ލަފާދީފައި. މިކަން ކުރަން އެ ކުންފުނީގެ ވެރިން ވެސް ގެންނަން ޖެހޭ މި ކޮމިޓީއަށް،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މަގު ހެދުމާއި މަގުތައް މަރާމާތުކުރުމަށް އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އެމްއާރުޑީސީ އަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށާއި އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 17.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާތައް ހޯދުމަށް ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް 2012 ވަނަ އަހަރު ލިބުނު ޖުމްލަ ފައިދާ 39 ޕަސެންޓް އަދި 2013 ވަނަ އަހަރު 34 ޕަސެންޓް، 2014 ވަނަ އަހަރު 41 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

އެ ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން، ބައެއް ރަށްރަށުގެ ފުޓްސަލް ދަނޑުތައް ހެދުމާއި ކުނި ނައްތާލުމުގެ މަސައްކަތާއި ވެލި ނަގައިގެން ވިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.