ވިކްޓޯރިއާ ބެކަމްގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް

ސްޕައިސް ގާލްސް އިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމްގެ ފެޝަން ލައިން ވިޔަފާރިއަށް މި އަހަރު ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.


މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަނބިމީހާ ކަމަށްވާ ވިކްޓޯރިއާގެ ވިޔަފާރިއަށް 2013 ވަނަ އަހަރުން ފެށިގެން ދަނީ ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޕައުންޑްގެ ގެއްލުން ލިބެމުންނެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ވިޔަފާރި 17 ޕަސެންޓް އިތުރުވެ، 42.5 މިލިއަން ޕައުންޑް (53.7 މިލިއަން ޑޮލަރު) ލިބުނަސް، 10،2 މިލިއަން ޕައުންޑްގެ (12.9 މިލިއަން ޑޮލަރު) ގެއްލުމެއް ލިބިފައިވެ އެވެ. އަދި 2016 ވަނަ އަހަރު ވެސް 8،2 މިލިއަން ޕައުންޑްގެ ގެއްލުމެއް ވަނީ ވެފަ އެވެ.

ވިކްޓޯރިއާގެ ކުންފުންޏަކީ 2،000 (2،531 ޑޮލަރު) ޕައުންޑް އަދި 3،000 ޕައުންޑް(3،796 ޑޮލަރު) އާއި ދެމެދުގެ އަގުތަކުގައި، މަތީ ފެންވަރުގެ ހެދުމާއި ކޯޓް ވިއްކާ ކުންފުންޏެކެވެ. އޭގެ އިތުރުން އެއީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ، އެސްޓީ ލޯޑަ، ކްލޮއީ، ކެލްވިން ކްލައިން އަދި ރީބޮކް އާއި އެކު ޕާޓްނާޝިޕް އޮންނަ ކުންފުންޏެކެވެ.

އަގުބޮޑު އުފެއްދުންތަކުގެ އިތުރުން ވިކްޓޯރިއާ ބެކަމްގެ ކުންފުނިން އެމެރިކާގެ ބާޒާރަށް ހާއްސަކޮށްގެން 30 ޕައުންޑުން (37.9 ޑޮލަރު) ދަށުގެ ހެދުންތައް އުފައްދަ އެވެ.

ވިކްޓޯރިއާ ބެކަމްގެ ކުންފުނި "ވިކްޓޯރިއާ ބެކަމް" އަކީ 2008 ވަނަ އަހަރު އުފައްދާ، ލަންޑަން، ނިއު ޔޯކް، ހޮން ކޮންގް އަދި އިތުރު 50 ގައުމެއްގައި ވިއްކާ ބްރޭންޑެކެވެ.