މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮކްސް އޮފީހުގައި ފުރަތަމަ ހަފުތާ ބަންދުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަށް ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 233.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.މިއީ، މި އަހަރުގެ މިހާތަނަށް ހޮލީވުޑް ފިލްމަކަށް ދެވަނައަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
- އެމެރިކާ އަދި ކެނެޑާ: 77 މިލިއަން ޑޮލަރު
- ބައިނަލްއަގުވާމީ މާކެޓް: 156.6 މިލިއަން ޑޮލަރު
- ބަޖެޓް: މި ފިލްމު އުފެއްދުމަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އެންމެ 24 ގަޑިއިރުގެ ތެރޭގައި ވަނީ ފިލްމުގެ ބަޖެޓަށް ވުރެ ބޮޑު އާމްދަނީއެއް ލިިބިފައި
މި ފިލްމަކީ ހޮލީވުޑްގެ ތަރި މެރިލް ސްޓްރީޕްގެ ފިލްމީ ހަޔާތުގައި ވެސް ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މީގެ އިތުރުން އެން ހެތަވޭ، އެމިލީ ބްލަންޓް އަދި ސްޓޭންލީ ޓޫޗީ ވެސް މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.
ބޮކްސް އޮފީހުގެ އެއްވަނައިގައި މިވަގުތު އޮތް މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމު "މައިކަލް" ފަހަތަށް ޖައްސާލުމަށް ފަހު، "ދަ ޑެވިލް ވެއާސް ޕްރާޑާ 2" ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ.
ސިނަމާތަކުން މި ފިލްމު ބެލި މީހުންގެ 76 ޕަސެންޓަކީ އަންހެނުން ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ފުރަތަމަ ފިލްމު ނެރުނުތާ 20 އަހަރު ފަހުން ގެނެސްދިން މި ސީކުއެލްގައި ދައްކަނީ މިހާރުގެ ޑިޖިޓަލް ދުނިޔޭގައި "ރަންވޭ" މެގަޒިން ކުރިއަށް ގެންދިއުމަށް މިރަންޑާ ޕްރީސްޓްލީ ކުރާ މަސައްކަތްތަކެވެ. މި ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެކެވެ.