އދ. އަތޮޅުގެ ފުރަތަމަ އައިސް ޕްލާންޓް މަހިބަދޫގައި

އދ. އަތޮޅުގެ ފުރަތަމަ އައިސް ޕްލާންޓް އަމިއްލަ ކުންފުންޏަކުން މަހިބަދޫގައި ބަހައްޓައިފި އެވެ.


ފައިވް ލައިން ފިޝަރީޒުން ތަރައްގީކޮށްފައިވާ މި އައިސް ޕްލާންޓްގެ ހިދުމަތް ދޭން ފެށީ މިދިޔަ ހަފުތާގަ އެވެ. މި އައިސް ޕްލާންޓުން ދުވާލަކު 30 ޓަނުގެ އައިސް އުފެއްދެ އެވެ.

ފައިވް ލައިން ފިޝަރީޒްގެ ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މި އައިސް ޕްލާންޓް ތަރައްގީކޮށްފައިވަނީ 10 ޓަނުގެ މަސް ވެސް ރައްކާކުރެވޭ ގޮތަށް ކަމަށެވެ. މަހިބަދޫ ރައްޔިތުން ބާނާ ފަރުމަސް ވެސް އައިސް ޕްލާންޓުގައި ރައްކާކުރެވޭނެ ގޮތް ކައުންސިލްގެ އެދުމުގެ މަތިން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އައިސް ޕްލާންޓުން މަސް ގަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އައިސް ޕްލާންޓުން ތެލާއި ފެން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަން ނިންމާފައިވާ ކަމަށާއި ބޭނުންވަނީ މަހިބަދޫގެ ބަނދަރުން މަސްވެރިންނަށް ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި ގިނައިން ގާއިމުކުރެވެނީ ފްލޭކް އައިސް. ނިސްބަތުން އެންމެ ކޮލިޓީ އައިސް މި ޕްލާންޓުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ފްލާންޓުތައް ހަދާފައި ވާއިރު އަމިއްލަ ކުންފުނިތަކުން ތަރައްގީކޮށްފައިވާ އައިސް ޕްލާންޓްތައް ވަރަށް މަދެވެ. އެންމެ ގިނަ އައިސް ޕްލާންޓް ހަދާފައިވާނީ މިފްކޯ އިންނެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 އައިސް ޕްލާންޓް ވަނީ ބަހައްޓައިފަ އެވެ.