މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި

މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް 5.8 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.

މިދޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫރަޕުންނެވެ. އެއީ ޒިޔާރަތްކުރި ޓޫރިސްޓުންގެ 48 ޕަސެންޓެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 19.1 ޕަސެންޓް އެ ގައުމަށް ނިސްބަތްވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ.

ރާއްޖޭގައި 130 އަށް ވުރެ ގިނަ ރިސޯޓު އަންނަނީ ހިންގަމުންނެވެ. ޓޫރިސްޓުންނަށް ހާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. މިދިޔަ އަހަރު ނިމުނު މި ތަންތަނުގައި 44،860 ބެޑް އެބަހުއްޓެވެ.