މާލެއާ އެއް އަގެއްގައި ރަށްރަށުގައި ކާޑު ވިއްކަން ފަށައިފި

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް، މާލެއާ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން މިއަދުން ފެށިގެން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.


މާލެ އާއި ރަށްރަށުން ލިބޭ ކާޑުގެ އަގުގައި މިހާރު ފަރަގު ބޮޑެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލެއިން އެތަކެތި ރަށްރަށަށް ގެންދިއުމަށް ދާ ހަރަދެވެ. އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.

އެކަމަށް ހައްލު ހޯދަން އެސްޓީއޯއިން ވަނީ އަތޮޅުތަކަށް ކާޑު އުފުލުމުގެ ޚަރަދު ދޭން ނިންމައިފަ އެވެ. އެކަން ކުރަން ނިންމާފައިވަނީ އޭޖެންޓުން މެދުވެރިކޮށެވެ.

އެސްޓީއޯ އިން ހަމަޖައްސާ އޭޖެންޓުން ފިޔަވާ އިތުރު ބަޔަކަށް އެއްވެސް ރަށެއްގައި ކާޑެއް ނުވިއްކޭނެ އެވެ.

އޭޖެންޓުން ހޯދަން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. ނަމަވެސް ކާޑުގެ ބާވަތްތައް ސަޕްލައިކޮށްދޭންޖެހޭ 183 ރަށުގެ ތެރެއިން އޭޖެންޓުން ލިބުނީ 112 ރަށަކަށެވެ. އެކަމަކު، އެކަމަށް ހޭދަވަނީ ކިހާ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭޖެންޓެއްގެ ގޮތުގައި ބަލައިގަންނާނީ ކުންފުނިތަކާއި، ވިޔަފާރިކުރަން ހުއްދަލިބިފައިވާ އާންމު ފަރާތްތަކާއި، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތައް ކަމަށް އެސްޓީއޯ އިން ކުރިން ބުންޏެވެ.

މާލެއިން ކާޑުގެ ބާވަތްތައް ލިބޭ އަގު

ހަނޑޫ ބަސްތާއެއް: 240 ރުފިޔާ، ހަނޑޫ ކިލޯއެއް: 4.8 ރުފިޔާ. ހަރުކުރު ބަސްތާއެއް: 241 ރުފިޔާ، ހަކުރު ކިލޯއެއް: 4.82 ރުފިޔާ. ފުށް ބަސްތާއެއް: 190 ރުފިޔާ، ފުށް ކިލޯއެއް: 3.8 ރުފިޔާ.

މިސާލަކަށް، އައްޑޫ ސިޓީގައި، ހަނޑޫ ބަސްތާއެއް 325 ރުފިޔާ އަށް ލިބޭއިރު ހަނޑޫ ކިލޯއެއް ވިއްކަނީ 6.50 ރުފިޔާ އަށެވެ. ފުށް ބަސްތާއެއް 250 ރުފިޔާއަށް، ފުށް ކިލޯއެއް 5 ރުފިޔާ އަށް ލިބޭއިރު ހަކުރު ބަސްތާއެއް ވިއްކަނީ 325 ރުފިޔާއަށެވެ. ހަކުރު ކިލޯއެއް ގަންނަން ލިބެނީ 6.50 ރުފިޔާ އަށެވެ. ނަމަވެސް އެޖެންޓް މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކާ ނަމަ، އެ އަގުތައް އުޅޭނީ މާލެއާ އެއްވަރެއްގަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިން ވިދާޅުވީ ކާޑުގެ ބާވަތްތައް އަތޮޅުތަކަށް އުފުލުމުގެ ޚަރަދު ކުރާނީ އެ ކުންފުނިން ކަމަށެވެ. އެއީ އެތެރޭގެ ހިންގުމަށް ބަދަލު ގެނެސްގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިން އޮންނަ ގޮތުން އެސްޓީއޯ ކާޑު ގުދަނުން ބޯޓަށް ގެންދަަން ބަސްތާއަކަށް 10ރ. ދައްކަން ޖެހެ އެވެ. އަދި ބޯޓު ނާލަށް 30ރ. ދައްކަން ޖެހޭ އިރު ރަށު މަޖޫރީންނަށް ފަސް ރުފިޔާ ދައްކަން ޖެހެ އެވެ. ފައިދާއަށް 10ރ. ލާފައި ވިއްކާ އިރު އެކި ސަރަހައްދުތަކުގައި އަގުތަކަށް ބަދަލު އާދެ އެވެ. އަދި އެއް ރަށެއްގެ އެއް ފިހާރައިން ވިއްކާ އަގާއި އަނެއް ފިހާރައިން ވިއްކާ އަގު ވެސް ތަފާތުވެ އެވެ.

އެސްޓީއޯ އިން ހަމަޖައްސާ އޭޖެންޓުން ފިޔަވާ އިތުރު ބަޔަކަށް އެއްވެސް ރަށެއްގައި ކާޑު ނުވިއްކޭނެތީ ކާޑުގެ ބާވަތްތަކުގެ އަގުތައް މޮނީޓާކުރަން ވެސް ފަސޭހަވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.