ހަތަރު ވަނަ ކުއާޓަރުގައި ކުންފުނިތަކުގެ ފައިދާ ދަށަށް

ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 12 ޕަސެންޓް ދަށްވެފައިވާ ކަމަށް ކުންފުނިތަކުގެ ހިސާބުތަކުން ދައްކައިފި އެވެ.


މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ޖުމުލަ ފައިދާ އަކީ 1.1 ބިލިއަން ރުފިޔާ އެވެ. ކުރީ އަހަރުގެ ފަހު ކުއާޓާގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މިއީ 159.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ ފެނަކަ ކޯޕަރޭޝަނަށެވެ. އެ ކުންފުންޏަށް 18 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އަށް 15 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. އޭއައިއޭއަށް އެހާ ބޮޑު ގެއްލުމެއް ވީ އިދާރީ ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

މި މުއްދަތުގައި ހައުސިން ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވިސް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ސްޓޭޓް ސްޓޭޓް އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެންކޯ) އިން ލިބުނު ފައިދާ ވަނީ އިތުރުވެފަ އެވެ.

އެންމެ ބޮޑު ފައިދާ ލިބުނު ކުންފުނިތައް

- އެމްއޭސީއެލް: 360 މިލިއަން ރުފިޔާ

- ބީއެމްއެލް: 276 މިލިއަން ރުފިޔާ

- ދިރާގު: 234 މިލިއަން ރުފިޔާ

- އެމްޑަބްލިއުއެސްސީ: 176 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ އެންމެ ބޮޑަށް ދަށަށް ދިޔަ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނެ އެވެ. އެގޮތުން އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އެމްޓީސީސީގެ ފައިދާ ވަނީ 94 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.

ކުންފުނިތަކަށް ލިބުނު ޖުމުލަ ފައިދާ 12 ޕަސެންޓު ދަށްވި ނަމަވެސް ލިބުނު އާމްދަނީ 15 ޕަސެންޓު އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 7.55 ބިލިއަންގެ އާމްދަނީ ވަނީ ލިބިފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމަޔަށް އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެމްއޭސީލަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެޔޮ ވިއްކައިގެންނެވެ.

މީގެ އިތުރުން ބީއެމްއެލާއި ދިރާގާއި އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ އާއި އެމްޑައިބްލިއުއެސްސީ އާއި އެމްޓީޓީސީގެ އިތުރުން ފެނަކަ ފަދަ ކުންފުނިތަކުން ވަނީ 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ހަތަރު ވަނަ ކުއާޓަރުގައި ހޯދައިފަ އެވެ.

މި ކުންފުނިތަކުގެ ތެރެއިން ބީއެމްއެލާއި އެމްޓީސީސީންގެ އާމްދަނީ ވަނީ ހަތަރު ވަނަ ކުއާޓަރުގައި ދަށަށް ގޮސްފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާ އިރު އެމްޓީސީސީގެ އާމްދަނީ ފަސް ޕަސެންޓު ދަށަށް ދިޔަ އިރު މީގެ އެންމެ ބޮޑު ސަބަބކީ ދަތުރުފަތުރުންނާއި ކޮންޓްރެކްޓް މަސައްކަތްތަކުން އެ ކުންފުންޏަށް ލިބުނު އާމްދަނީ ދަށަށްވުމެވެ.

ވެމްކޯ ވަނީ އެންމެ ބޮޑަށް އާމްދަނީ އިތުރުވި ކުންފުނިތަކުގެ އެންމެ ކުރީގަ އެވެ. އެ ކުންފުނިން ވަނީ 44 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީން 43 ޕަސެންޓުގެ ކުރިއެރުމެއް ހޯދި އިރު އޭއައިއޭ އިން ވަނީ 26 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ސްޓެލްކޯއިން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދި އިރު އެޗްޑީއެފްސީން ވަނީ 13 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.

އެންމެ ބޮޑަށް އާމްދަނީ ދަށަށް ގޮސްފައިވަނީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނުގަ އެވެ.

މި ކުންފުނިތަކުގެ ތެރެއިން އެމްއައިޓީޑީސީގެ އާމްދަނީ 100 ޕަސެންޓް ދަށަށް ދިޔަ އިރު ސްޕޯޓްސް ކޯޕަރޭޝަންގެ އާމްދަނީ ވަނީ 67 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އެމްއެމްޕީއާރްސީގެ އާމްދަނީ 50 ޕަސެންޓު ދަށްވި އިރު އެމްސީއައިއެފްގެ އާމްދަނީ ވަނީ 35 ޕަސެންޓު ދަށްވެފަ އެވެ.