އައިހަވަންގެ މާސްޓަ ޕްލޭން ހަދަން 10 ފަރާތަކުން ކުރިމަތިލައިފި

އައިހަވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމަށް 10 ފަރާތަކުން ކުރިމަތިލައިފި އެވެ.


ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހަވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިދިޔަ މަހު ވަނީ ހުޅުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 24 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި 10 ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭން ބޭރުގެ ކުންފުނިތައްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އޭގެ ތެރެއިން އެންމެ ގާބިލު ފަރާތަކާ ވަރަށް އަވަހަށް މަސައްކަތް ހަވާލުކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާސްޓަ ޕްލޭން ހަދަން ހަވާލުކުރާ ކުންފުންޏަށް އެކަން ކުރަން ތިން މަސްދުވަސް ލިބޭނެ އެވެ.

އައިހަވަންގެ ފީސިބިލިޓީ ދިރާސާ ހަދަން ހަވާލުކުރީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ)އާ އެވެ.

މާސްޓަ ޕްލޭން ހަދަން ނިންމީ، ސައީދު ވިދާޅުވި ގޮތުގައި، އައިހަވަން އަކީ ކާމިޔާބު މަޝްރޫއަކަށް ހެދޭނެ ކަމަށް އެ ދިރާސާ އިން ދެއްކުމުންނެވެ. އައިހަވަން މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލީ ކުރެހުންތަަކާއި އެ ނޫން ވެސް ކަންކަން މާސްޓަ ޕްލޭންގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެއާޕޯޓު އަޅާނީ މިވެނި ތަނެއްގައޭ، ރެސިޑެންޝަލް އޭރިއޭ އޮންނާނީ މިވެނި ސަރަހައްދެއްގައޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިހަވަން މަޝްރޫއުގެ ދަށުން ބިން ހިއްކަން އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

އައިހަވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ވަސީލަތްތައް ހިމެނޭ މަޝްރޫއެކެވެ. އެ ގޮތުން، އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.