އައިހެވަންގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.


އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓްގެ މާސްޓަ ޕްލޭން ތައްޔާރުކުރާ ފަރާތްތަކުން، އެ ދައުވަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މި މަހުގެ 24ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ދައުވަތު ދޭ ކަމަށެވެ. އަދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބެލުމަށް ފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެ ފަރާތްތައް އިތުރު މަޝްވަރާ އަށް ދައުވަތު ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ ދައުވަތުގެ ދަށުން، ފޯރުކޮށް ދިނުމަށް އެދޭ ހިދުމަތްތަކާއި މަޝްރޫއު ހިންގުމަށް ރޭވިފައިވާ ސަރަހައްދުގެ ތަފުސީލާއި މަސައްކަތް ނިންމުމަށް އެދޭ ތާރީހުތައް ޓާމްސް އޮފް ރިފަރެންސް ލިޔުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އައިހެވަން މަޝްރޫއަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އައިހެވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ގޮތުން އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ.