ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުން ހުށަހެޅި އެއް ކުންފުންޏެއްގެ ނަން އުނިކޮށް، އެ ލިސްޓު އަލުން އާއްމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި، ކޯޓާ އަށް އެދޭއިރު ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި 13 ފަރާތެއްގެ ނަން ހާމަކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ނަންތަކާއި އެ ކުންފުނިތަކުގެ ހިއްސާދާރުންގެ ނަން ހިމެނެ އެވެ. ނަމަވެސް އޭގެ ދެތިން ގަޑިއިރު ފަހުން އެ އިއުލާނުވަނީ ގެޒެޓުން ނަގައިފަ އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ވަގު ލިޔުން ހުށަހަޅާ ކަމަށް ބުނެ އިއްޔެ ނެރުނު ލިސްޓު ބާތިލްކުރީ ލިޔުމުގައި ކުށެއް ހިމެނޭތީ ކަމަށެވެ. އެހެންވެ އެކަން އިސްލާހުކޮށް 12 ފަރާތެއްގެ މައްސަލަ ތަހުގީގުކުރަން ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އެކަމަކު މިފަހަރު އިއުލާންކުރިއިރު ކުންފުނިތަކުގެ ހިއްސާދާރުންގެ ނަމެއް ނެތެވެ.

އެ ލިސްޓުން ބާތިލްކޮށްފައި ވަނީ މިޝްކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމެވެ.

ތަހުގީގުކުރަން ޕޮލިހަށް މައްސަލަ ހުށަހެޅި ކުންފުނިތަކުގެ ނަންތައް

1) ނިއު ސަން އިންވެސްޓްމަންޓް ލިމިޓެޑް

2) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް

3) ސަރަމީ ޕްރައިވެޓް ލިމިޓެޑް

4) ޒުބެއިރު އަބްދުﷲ (ރަން ހިރު ފެހުން)

5) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)

6) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

7) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް

8) އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)

9) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)

10) ސިނޮފެކް ޕްރައިވެޓް ލިމިޓެޑް

11) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަޑުޖައްސާލުމެވެ. އަދި ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމެވެ.