ޓޫރިޒަމް ހީނަރުވެ، 1.5 މިލިއަން މީހުން ހަމަ ނުވާނެ ކަމަށް ނިންމައިފި

ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިހާރުގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ޓޫރިޒަމް ހީނަރުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ކުރާ ކެމްޕޭންތަކާއި ރާއްޖެ އަކީ ޓެރަރިޒަމްގެ ބިރު އޮތް ތަނެއްގެ ގޮތުގައި ބޭރު ދުނިޔެ އަށް ދެއްކުމެވެ. ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މި މަހު ނެރުނު ޑޮކިއުމެންޓްރީ އަށް ވުރެ ވެސް އެ ކަމުގެ އަސަރު ޓޫރިޒަމަށް މާ ބޮޑަށް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެެހެންވެ، ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑުކޮށް، ޕީއާރު ކުންފުނިތަކާއި ކޮންސަލްޓެންޓުން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއާ ދެކޮޅަށް ހިންގާ ކެމްޕެއިންތަކުގެ ދޮގުކަން ބަޔާންކޮށް، ރާއްޖެއާ ބެހޭ ހަގީގީ މައުލޫމާތު ޓްރެވަލް އެޖުންޓާއި ޓުއާ އޮޕަރޭޓަރުންނަށް ކޮންމެ ދުވަހަކުހެން އެ ފަރާތްތަކުން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"... މެދުއިރުމައްޗާއި އެހެން ސަރަހައްދުތަކުގައި ހިނގި ހާދިސާތަކާއި އަޅުގަނޑުމެންގެ ބޮޑު މާކެޓުތައް ކަމަށްވާ ޖާމަނީ، ފްރާންސް ފަދަ ގައުމުތަކުގައި ހިނގި ހާދިސާތަކުން ވެސް ޝޮކް އައި،" ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އެރީ 2013 ގަ އެވެ. ޖެހިގެން އައި އަހަރު 1.2 މިލިއަން ޓޫރިސްޓުން އައި އިރު، މިދިޔަ އަހަރު ވަނީ 1.4 މިލިއަން ޓޫރިސްޓުން ހަމަކޮށްފަ އެވެ. އަދި މިއީ "ވިޒިޓް މޯލްޑިވްސް އިޔާ" ކަމަށް ހަމަޖައްސައި 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒު މިދިޔަ އަހަރު ފަހުކޮޅު ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ރާއްޖެ އަށް 750،000 ޓޫރިސްޓުން އައި ކަމަށް ބުނެ އެކަން ސަރުކާރުން ވަނީ މިދިޔަ މަހުގެ ހަތެއްގައި ފާހަގަކޮށްފަ އެވެ. އެކަމަކު، އެއީ ސައްހަ އަދަދެއްތޯ އޭރު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. މީގެ އިތުރުން، މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ތަފާސްހިސާބު، މި މަސް ނިމެން ކައިރިވެފައި ވާއިރު ވެސް ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.