ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައެއް ނުލާނަން: ކޮކަ ކޯލާ

ކޮކަ ކޯލާގެ ކަސްޓަމަރުންގެ ތެރެއިން ބޮޑު ނިސްބަތެއް އަދިވެސް ޕްލާސްޓިކް ފުޅީގައި ބަންދުކުރާ އުފެއްދުންތައް ބޭނުންވާ ކަމަށާއި އެހެންވެ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިނުލާނެ ކަމަށް ކޮކަ ކޯލާ ކުންފުނިން ބުނެފި އެވެ.


އެ ކުންފުނިން ބުނިގޮތުގައި ގިނަ ކަސްޓަމަރުން ޕްލާސްޓިކް ފުޅި ބޭނުންވާ މައިގަނޑު ސަބަބަކީ ބިއްލޫރި ފުޅިއާ ހިލާފަށް އަލުން މަތިން ޖެހުމާއި ލުއިވުމުގެ ސަބަބުން ގެންގުޅެން ފަސޭހަވުމެވެ.

ޕްލާސްޓިކް ފުޅި ދޫކޮށްނުލާނެކަން ކަމަށް ކޮކަ ކޯލާ އިން ބުނި އިރު، އެ ކުންފުންޏަކީ ދުނިޔޭގައި މި ވަގުތު އެންމެ ގިނައިން ޕްލާސްޓިކް ކުނި އުފައްދާ ކުންފުންޏެވެ. އެގޮތުން އަހަރެއްގެ މައްޗަށް ތިން މިލިއަން ޓަނުގެ ޕްލާސްޓިކް ޕެކެޖިންތަކަށް ބޭނުންކުރެ އެވެ. އެއީ މިނެޓަކަށް 200،000 ފުޅި އެވެ.

މިކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކޮކަ ކޯލާ އިން ބުނެފައިވާ އިރު، އެ ކުންފުނީގެ އަމާޒަކީ 2030 އާ ހަމަށް އަންނަ އިރު، އެ ކުންފުނީގެ އުފެއްދުންތަކުގެ 50 ޕަސެންޓް ރިސައިކަލްކުރެވޭ ޕްލާސްޓިކް ބޭނުންކުރުމެވެ.

ބީޓްރިޒް.

މިހާރު ސްވިޓްޒަލެންޑްގެ ޑާވޯސްގައި ކުރިއަށްދާ މި އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކޮކަ ކޯލާ ކުންފުނީގެ ސަސްޓެއިނަބިލިޓީ ހެޑް ބީޓްރިޒް ޕެރޭޒް ވިދާޅުވީ ޕްލާސްޓިކް ފުޅި ބޭނުންކުރުން އެއްކޮށް ހުއްޓައިނުލި ނަމަވެސް، ކުންފުނިން އަންނަނީ ޕްލާސްޓިކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.

އެގޮތުން ބިއްލޫރި އާއި އެލުމިނިއަމް ފަދަ ބާވަތްތައް ޕެކެޖިން އަށް ބޭނުންކުރާކަން ފާހަގަކުރެއްވި އެވެ.

އަދި ކޮކަ ކޯލާ އަކީ ވިޔަފާރި ކުންފުންޏަކަށްވާތީ ކަސްޓަމަރުންނަށް އެދޭ ގޮތަށް ވިޔަފާރި ބައްޓަންކުރަން މަޖުބޫރުވާ ކަމަށް ވިދާޅުވި އެވެ.

"އެ ނޫން ކަމަށް ވަންޏާ ވިޔަފާރިއެއް ވިޔަފާރިއަކަށް ނުވާނެ." ބީޓްރިޒް ވިދާޅުވި އެވެ.