ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ދަރުބާރުގޭގާއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިވެރިތަކުން ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ބޭންކުތަކުން ނަގާފައިވާ ދަރަނިތަކުގެ އިންޓްރެސްޓް ޕޭމެންޓް ކުޑަކޮށް ލޯނު ދެއްކުން ހަ މަސް ދުވަހަށް ލަސްކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"ލޯނުގެ ޕޭމެންޓް ކުޑަ ކުރުމަށްޓަކައި ހުށަހަޅާ މީހުން މިހާލަތުގައި ލޯނުގެ ޕޭމެންޓް ދެއްކުން އުނދަގޫކަން ބޭންކަށް ދައްކައިދޭން ޖެހޭނެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެކަންކަމުގެ ތަފްސީލް ބޭންކުތަކުން ހާމަކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
އެކަންކަން ބޭންކްތަކުން ފަސޭހަ ގޮތަކަށް ހަމަޖައްސައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އެހީ ވިޔަފާރިތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ބޭންކްތައް މެދުވެރިކޮށް މިދޭ އެހީތެރިކަން ދިނުމުގައި ވަޒީފާ އިން މީހުން ވަކި ނުކޮށް، ރައްޔިތުންނަށް ވީހާ ވެސް ފައިދާވާނެ ގޮތަކަށް ވިޔަފާރީގެ ކަންކަން ބައްޓަން ކުރައްވާ ފަރާތްތަކަށް އިސްކަން ދިނުމަށްވަނީ ހަމަޖެހިފަ އެވެ. މި ލޯން ފެސިލިޓީތަކަކީ ތިން އަހަރުގެ މުއްދަތަށް ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ދޭ ލޯނު ފެސިލިޓީސްތަކެކެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކަށް ލުޔެއް ލިބުމުން، މިދަނޑިވަޅުގައި ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން. ހަޔެއްކަ މަސް ތެރޭގައި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއެރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބޮޑަށް ގަބޫލު ކުރެވޭ. ސަރުކާރުން އިންޓަވެންޝަނެއް މި ހަދަނީ އެހާ ހިސާބަށް ދަންދެން ހުރި ދަތިތައް ފިލުވާލުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
މި ދަނޑިވަޅުގައި އެއްވެސް ޓެކްސްއެއް ދެއްކުން ފަސް ކުރުމަކަށް ސަރުކާރުން ވިސްނައިފައެއް ނުވެ އެވެ. އެހެން ނަމަވެސް އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އަންނަ ބަދަލުތައް ބަލާ އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަންކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު މިބަލިމަޑުކާ އެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ދަނީ ކުރަމުންނެވެ. އިގްތިސާދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށްޓަކައި އާންމުންނާއި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މާލީ ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު އިތުރު ކުރުމަށްޓަކައި އެމްއެމްއޭ އިން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ވަނީ އިއުލާނުކޮށްފަ އެވެ.