އެއަރޯފްލޮޓަށް ރަޝިޔާ މީހުން ނޫން ބަޔަކު ނާރުވަން ނިންމައިފި

ރަޝިޔާގެ ގައުމީ އެއާލައިން އެއަރޮފްލޮޓްއަށް ރަޝިޔާ ނޫން އެހެން ގައުމެއްގެ ބަޔަކު މި ދުވަސްކޮޅު ނާރުވަން ނިންމައި، އެކަން އަންގައިފި އެވެ.


މި ނިންމުން އައީ އިއްޔެ އެ ފްލައިޓުން ދަތުރުކުރި އިޓަލީގެ ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓްވެ، މޮސްކޯ އެއާޕޯޓްގައި އެ ފްލައިޓް ކަރަންޓީންކުރަން ޖެހުނު މައްސަލަ ދިމާވުމާ އެކު އެވެ.

އެއަރޯފްލޮޓް އިން ރާއްޖެ އަށް ދަތުރުކުރާ ފްލައިޓްގައި އިޓަލީއަށް ދިޔަ ދެ މީހުންނަކީ، އައިލެންޑް ސަފާރީން ކޮރޯނާވައިރަސްއަށް ދެ ޓޫރިސްޓަކު ޕޮޒިޓިވްވުމާ ގުޅިގެން ވިލިވަރުގައި ކަރަންޓީންކުރި ބައެކެވެ. ނަމަވެސް ކަރަންޓީންގެ 14 ދުވަސް އިއްޔެ ހަމަވުމާ އެކު އެ މީހުންނާއި ކަރަންޓީންގައި ތިބި އިޓަލީގެ އިތުރު ބަޔަކު އެއަރޯފްލޮޓުން ފުރުމުގެ ފުރުސަތު ދިނެވެ. އޭރު އެ މީހުންގެ ޓެސްޓްތަކެއް ދިޔައީ އައިޖީއެމްއެޗުގައި ހަދަމުންނެވެ.

ނަތީޖާ ލިބުމުގެ ކުރިން އެ މީހުން ފުރުމުގެ ފުރުސަތު ދިން ސަބަބާ ބެހޭ ގޮތުން ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ވިދާޅުވީ "އެއީ ލިބުނު ފިލާވަޅެއް" ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުުމުގައި އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީންގައި ތިބި އެ ގްރޫޕްގެ ޓެސްޓްތައް ހެދި ނަމަވެސް އެއީ މިހާރު އަމަލްކުރާ އުސޫލުގައި ހިމެނޭ ކަމެއް ނޫނެވެ. ނަމަވެސް އެގޮތަށް ކަންތައްކުރީ ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އައިލެންޑް ސަފާރީން ފުރަތަމަ ޕޮޒިޓިވްވި މީހުންނާ ސީދާ ގުޅުން އޮތް ބަޔަކަށް ވެފައި، އެ މީހުންގެ ފަހުގެ ޓެސްޓްތަކުގެ ނަތީޖާ އައުމުގެ ކުރިން ކަރަންޓީނުން ދޫކޮށްލުމުން، ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އެއީ އެ ބޯޓުން ދަތުރުކުރި 350 އަށް ވުރެ ގިނަ މީހުންނަށް އޮތް ނުރައްކަލެއް ކަމަށް ވެސް، އެތައް ބަޔަކު ބުނެފައިވެ އެވެ.

"އެއީ ރަނގަޅަކަށް ވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަންއެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ނަތީޖާ ލިބުމުގެ ކުރިން ފުރުވާލުމަކީ ހެދުނު ގޯހެއް ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ދެންނެވުމުން، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ މައިމޫނާ ވިދާޅުވި އެވެ.

އެއަރޯފްލޮޓުގެ ނިންމުން ބައެއް ރިސޯޓްތަކާ ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި، އޭގައި ބުނެފައި އޮތީ އެ އެއާލައިންގެ ފްލައިޓްތަކަށް އެހެން ގައުމުތަކުގެ މީހުން އެރުވުން މަޑުޖައްސާލައިފައިވާ ކަމަށާއި އެހެންކަމުން ރާއްޖެ އަންނަ ފްލައިޓަށް ވެސް ރަޝިޔާ ނޫން އެހެން ބަޔަކު ގަބޫލުނުކުރަން ނިންމާފައިވާ ކަމަށެވެ.