މުވައްޒަފުންތަކެއް ޕޮޒިޓިވްވުމުން ވީބީގެ ފިހާރަތައް ބަންދުކޮށްފި

ވީބީގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ވީބީ ބްރަދާސްގެ ހުރިހާ ފިހާރަތަކެއް ބަންދުކޮށްފި އެވެ.


ވީބީން މިއަދު އަށް މިހަކު ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރޭގައި ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގެ ހަތަރު މީހުން ހިމެނެ އެވެ. މި މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވީބީން ބުންޏެވެ.

ވީބީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވްވިކަން އެނގުމާ އެކު، އެޗްޕީއޭ އިން ވަނީ އެ ފިހާރަތައް ބަންދުކޮށް، މޮނިޓަރިންއަށް ގެނެސްފަ އެވެ. އެހެންވެ، މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ނުވަތަ އެޗްޕީއޭ އިން ވަކި ގޮތެއް މިކަމުގައި ނިންމަންދެން އެ ފިހާރަތަކަށް ވަދެ ނުކުތުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭގެ މި ނިންމުމާއެކު ވީބީގެ ހުރިހާ އޮޕަރޭޝަންތަކެއް ވަނީ ހުއްޓިފަ އެވެ. މިހާތަނަށް ޑެލިވަރީ ނުކުރެވި ހުރި ތަކެތި ޑެލިވަރީ ކުރުން ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.

މި ދަނޑިވަޅު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.

ވީބީ އަކީ، މާލެތެރެއަށް ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ރަނގަޅަށް އަޅައިގެން ކަސްޓަމަރުންނަށް ޚިދުމަތް ދިން އެއް ތަނެވެ. އެގޮތުން، ދެ މީހުންނަށް ވުރެ ގިނައިން ކަސްޓަމަރުން އެއްފަހަރާ ފިހާރަ އަށް ނުވެއްދުމާއި ކޮންމެ ކަސްޓަމަރެއްގެ އަތް ސެނިޓައިޒް ކުރުމާއި ކަސްޓަމަރުން ފިހާރަ އަށް ވެއްދުމުގެ ކުރިން ހުން ބެލުން ވެސް ހިމެނެ އެވެ. އަދި ފިހާރައިގައި ހުންނަ މުދަލުގައި ކަސްޓަމަރުން އަތްލުން ވެސް އޮތީ މަނާކޮށްފަ އެވެ. އެހެންވެ، ކަސްޓަމަރުން ބޭނުންވާ ތަކެތި ނަގައިދެމުން އައީ މާސްކް އަޅައިގެން އަތަށް އަންގި ލައްވައިގެން ހަރަކާތެރިވާ މުވައްޒަފުންނެވެ.

ވީބީން ބުނީ އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ފަހު ވީހާ ވެސް އަވަހަކަށް އަލުން ހިދުމަތް ދޭން ކަމަށެވެ. އެގޮތުން މަސައްކަތަށް އާ ޓީމެއް ނެރުމާއި ފިހާރަތައް ޑިސްއިންފެކްޓު ކުރުމުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 38 މީހުންނެވެ. އެއީ 29 ދިވެހިންނާއި ބަންގްލަދޭޝް އަށް މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1،020 އަށް އަރައިފަ އެވެ. ބަލި ޖެހުނު 46 މީހަކު ރަނގަޅުވެ ހަތަރު މީހަކު މަރުވެފައި ވާއިރު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 970 އެވެ.