ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އުރީދު އާއި އުރީދޫ ގްރޫޕުގެ ފަރާތުން 2.5 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން މިއަދު ވަނީ ރާއްޖެ އަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ނަޖީބް ޚާން ވިދާޅުވީ، މިއީ ރާއްޖެ އަށް މިވަގުތަށް ބޭނުންވާ ޕީޕީއީ ކިޓާއި ވެންޓިލޭޓަރުގެ އިތުރުން ޓެސްޓު ކިޓުތައް ހޯދުމަށް ސަރުކާރަށް ދޭ އެހީއެއް ކަމަށެވެ.

"ރާއްޖެ އަށް މި އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝެއިޚް ފައިސަލް އާއި އުރީދޫ ގްރޫޕުގެ ސީއީއޯ ޝެއިޚް ސައުދު އަދި އުރީދޫ މޯލްޑިވްސް އާއި އުރީދޫގެ ގްރޫޕުގެ ބޯޑު މެމްބަރުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ މި އެހީގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު އެހީއެއް ލިބުން،" ނަޖީބް ޚާން ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑް-19 ފެނުމާ އެކު، އުރީދޫން ވަނީ ސަރުކާރާ ގުޅިގެން، އެހީތެރިކަން ފޯރުކޯށްދެވޭނެ ގޮތްތައް ބަލަމުންނެވެ. އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ހޭލުންތެރި ކުރުމާއި ސިއްހީ، ތައުލީމީ ދާއިރާ އަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ޑިޖިޓަލް ސޮލިއުޝަން އުރީދޫން ވަނީ ފޯރުކޮށްދީފަ އެވެ.

އުރީދޫން ބުނިގޮތުގައި، ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންފގެ ދާއިރާ އިން ރާއްޖެ އަށް ބޭނުންވާ އެހިތެރިަކން ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ އެވެ.