ކޮވިޑް-19 ނެތް އަތޮޅުތައް ޓޫރިސްޓުންނަށް ހުޅުވައިލަން ޖެހޭ: ސޯނޫ

ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ރިސޯޓުތައް ބަނގުރޫޓު ވުމުން ސަލާމަތް ކުރުމަށް ކޮވިޑް-19ގެ އަސަރު ނެތް އަތޮޅުތައް ވީހާ ވެސް އަވަހަކަށް ޓޫރިސްޓުންނަށް ހުޅުވައިލަން ޖެހޭ ކަމަށް ރާއްޖޭގެ އެންމެ މުއްސަނދި އެއް ރިސޯޓު ސޮނެވާގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.


އެކި ގައުމުތަކުގެ ބައެއް މަހުޖަނުން މިހާރު ވެސް ރާއްޖެ އަށް އަންނަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މީގެ ކުރިން ސޯނޫ ވިދާޅުވެފައި ވެ އެވެ.

އޭނާގެ އެ ވާހަކައާ ގުޅިގެން، އާއްމުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޓްރެވަލް، ޓްރޭޑް މޯލްޑިވްސްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ސޯނޫ ވިދާޅުވީ، އޭނާގެ އޭރުގެ ވިސްނުމަކީ ރާއްޖޭގެ ބޯޑަރު މަހުޖަނުންނަށް އެކަނި ހުޅުވައިލުން ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ރިސޯޓުތައް ބަނގުރޫޓު ވިޔަ ނުދިނުމަށް އަތޮޅުތައް ހުޅުވައިލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ، އެހެން އަތޮޅުތަކުގެ ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވުމުން، ކޮރޯނާވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ މާލެ ސަރަހައްދު ކޮމިއުނިޓީ ސްޕްރެޑުން ސަލަމާތް ކުރެވޭނެ ކަމަށެވެ. ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދިން ނަމަވެސް ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ، މިވަގުތު ރިސޯޓުތައް ބަނގުރޫޓު ނުވި ނަމަވެސް ގިނަ ދުވަހަށް ބޯޑަރު ބަންދު ކޮށްފި ނަމަ ރިސޯޓުތަކުގެ ފައިސާ ހުސްވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ އެވެ. މީގެ ސަބަބުން ލޯނުތައް ނުދެއްކި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަންޖެހޭ ހާލަތަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖެ އަންނަން ހުއްދަ ދޭން ޖެހޭނީ ހަމައެކަނި މަހުޖަނުންނަށް ކަމަށް. އަޅުގަނޑު މި ބުނަނީ ކުދި ބޯޓުތައް، ރީޖަނަލް އެއާޕޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަކީ ޓޫރިޒަމް މަޑުމަޑުން ހުޅުވައިލުމަށް އެޅޭނޭ ފިވަޅެއް ކަމަށް. މީގެ ސަބަބުން މާލެ ވެސް ރައްކާތެރިވާނެ،" ސޯނޫ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގެ 90 ޕަސެންޓު ހިއްސާ ކުރަނީ ޓޫރިޒަމް ކަން ފާހަގަކުރައްވައި ސޯނޫ ވިދާޅުވި ގޮތުގައި، މިވަގުތު ރިސޯޓުތައް ބަނގުރޫޓު ނުވި ނަމަވެސް ގިނަ ދުވަހަށް ބޯޑަރު ބަންދު ކޮށްފި ނަމަ ރިސޯޓުތަކުގެ ފައިސާ ހުސްވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ އެވެ. މީގެ ސަބަބުން ލޯނުތައް ނުދެއްކި ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަންޖެހޭ ހާލަތަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ކޮވިޑް-19ގެ ވެކްސިނެއް ނުވަތަ ވައިރަސް އެއްކޮށް ނައްތައިލެވެންދެން ބޯޑަރު ބަންދުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އެއްކޮށް ނެތިގެންދާނެ އެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން، ޓުއަރިސްޓުން ގެނައުމަށް އެކި ގައުމުތަކާ މަޝްވަރާ ކުރުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް ސޯނޫ ދެކެވަޑައިގަންނަވަ އެވެ.