ބޭންކްތައް ހުޅުވުން އަނެއްކާވެސް ހަފުތާއަކު ތިން ދުވަހަށް

އީދުގެ ކުރިން ހިދުމަތް ދެމުން އައި ގޮތަށް، ކުރިއަށް އޮތް ދެ ހަފުތާގައި، ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވާ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހަމަޖައްސައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކުރުމުން، ބޭންކްތައް ހުޅުވުން ވެސް މަދުކުރި އެވެ. އަދި އީދުގެ ކުރިން ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވައިގެން، މަދު ގަޑިތަކެއްގައި ހިދުމަތް ދެމުން އަ އެވެ. އެކަމަކު މިދިއަ ދެ ހަފުތާގައި، ބޭންކްތައް ހުޅުވީ ޖުމްލަ ތިން ދުވަހު އެވެ.

އެމްއެމްއޭއިން މިރޭ ބުނީ އަންނަ ޖޫން 1-13 އަށް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށެވެ. އެކަމަކު މި ދުވަސްތަކުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 2:00 އަށެވެ.

އޭޓީއެމް އާއި އޮންލައިންކޮށް ހިދުމަތް ދިނުން، ރާއްޖޭގެ ބޮޑެތި ބޭންކްތަކުން ހުއްޓުމެއް ނެތި ކުރިއަށް ގެންދެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމި އިރު، އާ އުސޫލުތަކުގެ ތެރޭގައި ވެސް ސަރުކާރުން ކަނޑައަޅާފައި ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި، ކޮންމެ ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވާ ގޮތަށެވެ.