މިދިޔަ ހަތަރު މަހުގެ ކަރަންޓު ބިލު ދައްކަން ދަތިވާ މީހުންނަށް ބަހާލައިގެން ބިލު ދެއްކުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ސްޓެލްކޯ އިން މިއަދު ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ވެބްސައިޓުން (stelco.commv/rpex) އަދި ރިސެޕްޝަނުން މިހާރު ފޯމު ލިބެން ހުންނާނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ފުރުސަތު އޮންނާނީ ދެ ހަފުތާގެ މުއްދަތަށެވެ.

ސްޓެލްކޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މި ލުއި ދޭން ނިންމީ ކޮވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާތީ ކަމަށެވެ. އެގޮތުން ލޮކްޑައުން ތެރޭގައި ބިލު ދައްކާފައިވަނީ އެންމެ 30 ޕަސެންޓު ކަސްޓަމަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކަށް ވެސް މި ފުރުސަތު ދީފަ އެވެ. އެހެންވެ ބިލު ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ނުވަތަ ވިޔަފާރިއެއްގެ ހާލަތަށް ބެލުމަށް ފަހު އެވެ.

ކޮވިޑް-19 ގެ ސަބަބުން އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުން ސަރުކާރުން ވަނީ 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ. މިދިޔަ މަހުގެ ބިލު އާދަޔާ ހިލާފަށް ބޮޑުވެެ އެކަމުގެ ޝަކުވާ އިތުރުވުމުން މިދިޔަ މަހުގެ ބިލުން ވެސް އެ ޑިސްކައުންޓު ދޭން މިހާރު ވަނީ ނިންމައިފަ އެވެ.