ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.


މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ މެޝިނަރީތައް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ މި މަހުގެ 16 ގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 9،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

ފްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކުރީ 18.7 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދިއުމަށެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް އަނެއްކާ ވެސް އެމްޓީސީސީން އަންނަނީ އަތޮޅު ތެރޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.