ޑިއުޓީ ފްރީ ފިހާރަތަކުން އާންމުކޮށް މުދާ ވިއްކައިގެން ނުވާނެ: މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގާ ޑިއުޓީ ފްރީ ފިހާރަތައް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ނުވަދެ، ވިޔަފާރީގެ އުސޫލުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އެމްއޭސީއެލް އަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންގައިފި އެވެ.


އެ ކޮމިޓީން މިދިޔަ ހަފުތާގައި މިގޮތަށް އެންގީ ވީއައިއޭ ހިންގާ އެމްއޭސީއެލްގެ "ދޮވެމި" ޑިއުޓީ ފްރީ ފިހާރައިން އާންމުކޮށް މުދާ ވިއްކައި ޑެލިވަރީ ކުރަން އުޅޭ ކަމުގެ ޝަކުވާއެއް އެ ކޮމިޓީ އަށް ހުށަހަޅައިފައި ވާތީ އެވެ. މާލޭގައި ހިންގާ ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވަމުން ދާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވި އެވެ.

"ދޮވެމި" އަކީ ވެލާނާ ވީއައިއޭގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ ޑިއުޓީ ފްރީ ފިހާރައެކެވެ.

އެސްއޯއީ ކޮމިޓީގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ފިހާރައިން ޑެލިވަރީގެ ހިދުމަތް ދޭން އުޅޭކަން ފާހަގަ ކުރައްވައި އެއީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ކަމަށް ވިދާޅުވެފަ އެވެ. "ދޮވެމި" ފިހާރައި ވިއްކަނީ ޑިއުޓީ ފްރީ އެއްޗިއްސަށް ވާއިރު، އެ ތަނުން އާއްމުންނަށް ތަކެތި ވިއްކަން ފަށައިފި ނަމަ ހުރިހާ އެންމެން އެ ފިހާރަ އަށް ބަރޯސާވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ބުނެ، އެމްއޭސީއެލުން މިހާރު ދަނީ މާލޭ ސަރަހައްދަށް "ދޮވެމި" ފިހާރަ އިން ޑެލިވަރީގެ ހިދުމަތް ފަށަން މަޝްވަރާ ކުރަމުން ކަމަށް ވެސް އެސްއޯއީ ކޮމިޓީ އަށް ފޮނުވި ސިޓީގައި ވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން، އެއީ އެމްއޭސީއެލްގެ ކޮމާޝަލް ޑިޕާޓްމަންޓުގެ ޑިއުޓީ ފްރީ ސެކްޝަނުން ހިންގާ ފިހާރަ އެކެވެ. އެ ފިހާރަ އިން އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ނެތަސް ކުރިމަގުގައި އެ ކަން ވެސް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އެސްއޯއީ ކޮމިޓީ އަށް ފޮނުވި ޝަކުވާގެ ސިޓީގައި ވެ އެވެ.

ދޮވެމި ފިހާރައިން ޚިދުމަތް ދެނީ.: އެ ފިހާރަ ހިންގަން ޖެހޭނީ ޑިއުޓީ ފިހާރަ ހިންގާ އުސޫލުން ކަމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓިން ވަނީ ނިންމާފައި.

"ދޮވެމި" ފިހާރައިގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ވަނުން ހުއްޓުވުން ކަމަށް ވާއިރު، އެމްއޭސީއެލުން ވެސް އެ އަށް އަމަލުކުރަންޖެހޭ ކަމަށެވެ. އެމްއޭސީއެލްގެ އިތުރުން އެފަދަ ވިޔަފާރިތައް ކުރާ އެހެން ކުންފުނިތަކުގެ ވިޔަފާރިތައް ވެސް ހުއްޓުވައި، އެ ކުންފުނިތަކުގެ މެއިންޑޭޓާ އެއްގޮތަށް މަސައްކަތް ކުރުމަށް އެންގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް މުޅި މާލެ އަށް އެ ފިހާރައިން ވިއްކާ ތަކެތި އެބަ އިޝްތިހާރު ކުރޭ. އެއް ފުޅި ސެންޓު ގަތީމާ ކުދި 10 ފުޅި ސެންޓު ހިލޭ ލިބޭނެއޭ. އެއް ޗޮކްލެޓް ގަތީމާ 10 ޗޮކްލެޓް ލިބޭނެއޭ. މިހިރީ ފޭސްބުކް ޕޭޖުން ފެންނަން. ސަރުކާރު ކުންފުނިތަކުން މިފަދަ ވިޔަފާރިތަކަށް ވަދެގެން ނުވާނެ. ސަރުކާރުގެ ސިޔާސަތަކީ ވެސް އެފަދަ ކުދި ވިޔަފާރިތަކަށް ނުވަނުން،" ނިހާދު ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.

މި މައްސަލައާ ގުޅޭގޮތުން މެމްބަރުން ބަހުސް ކުރެއްވުމަށް ފަހު، އެސްއޯއީ ކޮމިޓީން ނިންމީ "ދޮވެމި" ފިހާރަ އިން ވިޔަފާރި ކުރެވޭނީ ހަމައެކަނި ރާއްޖެ އަށް އަންނަ މީހުންނަށް އެކަނި ކަމަށެވެ. އޮންލައިންކޮށް އޯޑަރު ދީގެން އެހެން ތަންތަނަށް މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ނުކުރުމަށް ވެސް އެމްއޭސީއެލަށް ވަނީ އަންގައިފަ އެވެ.