އޭސީސީގެ ލަފައެއް ނުލިބުމަކީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ހުރަހެއް ނޫން: ޝިއުނާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލަފައެއް ނުލިބިގެން ހުރަސް އެޅިފައި އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ސީޕްލޭން ޓާމިނަލް ދޭން އޭސީސީގެ ލަފަޔަކަށް ދެވަނަ ފަހަރަށް އެދުނީ ޓާމިނަލް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ފަހުން ކަަމަށެވެ. އެމްއޭސީއެލް އިން ކޮމިޝަނުގެ ލަފަޔަކަށް އެދުނީ ފިނޭންސް މިނިސްޓްރީގެ އެންގުމުގެ ފަހުން ކަމަށް ވާތީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ވެސް ހަމަ އެމްއޭސީއެލް އިން 17 ޖޫން ގައި، އިތުރު އިރުޝާދެއް އެބަ އޮތްތޯއޭ ކިޔާފައި ސިޓީއެއް ފޮނުވާފައި އެބަ އޮތް. ސަތާރަ ޖޫން އައި އިރު ފިނޭންސުން ވެސް އެމްއޭސީއެލް އަށް އޮންނާނީ އޮލްރެޑީ އެޕްރޫވަލް ދީފައި. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްއޭސީއެލް އިން އެ މަަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ އޭސީސީގެ ގޯ އެހެޑް ނުލިބިގެން ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީން އެމްއޭސީއެލް އަށް ކުރިން ވެސް ލަފާ ދިނީ ކަންތައްތަކެއް ކުރަން ކަމަށާއި އެކަންތައްތައް ކޮށްފައި ހުުރުމުން ޓާމިނަލް ކުއްޔަށް ދިނުމުގައި ކޮމިޝަނާ ހެދި އެއްވެސް ހުރަހެއް އެޅިފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެެވެ.

އެމްއޭސީއެލްގެ ވެރިން އެސްއޯއީ ކޮމިޓީ އަށް އެންމެ ފަހުން ވަޑައިގެންނެވި ދުވަހު އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ޓާމިނަލް ކުއްޔަށް ދިނުން މަޑުޖައްސާލާފައި އޮތީ އޭސީސީގެ ލަފައެއް ލިބެންދެން ކަަމަށެވެ.

މިދިޔަ މަހު 20 ގައި ބޭއްވި ބައްދަލުވުމުގައި ސޯލިހު އެހެން ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބްގެ ސުވާލަކަށް ވީ، ސަރުކާރުން ޝަރުތުތަކަަކަށް އެއްބަސްވެފައި ވާއިރު، އެގޮތަށް ކުރިއަށް ދިއުން އޭސީސީން ހުއްޓުވާފައި ވޭތޯ އެވެ. އޭގެ ޖަވާބުގައި ސޯލިހު ވިދާޅުވީ އޭސީސީން އެކަން ހުއްޓުވާފައި ނުވާ ކަމަށާއި އެކަމަކު އެ ކޮމިޝަންގެ ރައުޔެއް ހޯދަނީ އެމްއޭސީއެލުން ބޭނުންވެގެން ކަމަށެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް އެ ކުންފުންޏަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.

ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެކަމުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހެވެ

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.