އާ ޓޫރިޒަމް މިނިސްޓަރު: ބައެއް ގައުމުތަކުން ޓޫރިސްޓުން ގެންނަން ހާއްސަ މަޝްވަރާތަކެއް އެބަ ކުރަން

ކޮވިޑް-19ގެ މި ހާލަތުގައި ޓޫރިސްޓުން ގެނައުމުގެ ގޮތުން ބައެއް ގައުމުތަކާ އެކު ހާއްސަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެޗުޕީއޭ އިން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކަށް ވުރެ މައްޗަށް ބައެއް ކަންކަން ޖައްސަން ޖެހިދާނެ ކަމަށް، އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް މި ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި، ވަކި ގައުމުތަކެއްގެ ނަން ހަމާކުރެއްވުމެއް ނެތި، ޑރ. މައުސޫމް ވިދާޅުވީ އެ ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރަން ހުއްދަދޭނެ އުސޫލުތައް ގަބޫލުކުރާ ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން ގެސްޓް ހައުސްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، މިހާރަށް ވުރެ ގިނައިން ރާއްޖެއަށް މި ދަނޑިވަޅު އަންނާނެ ޓޫރިސްޓުން ގިނަވުމުގެ ފުރުސަތު އެބަ އޮތެވެ.

ވަކި ގައުމަކުން ބޭނުންވާ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހިއްޖެ ނަމަ "އޭގެ މާނައަކީ އަޅުގަނޑުމެން މި ކޮޅުން ގާއިމްކުރަން ޖެހޭ ނިޒާމުތައް، އެޗުޕީއޭގެ ގައިޑްލައިނަށް ވުރެ މައްޗަށް ޖައްސަން ޖެހިދާނެއޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން މުސްތަގުބަލުގައި އިއުލާންކުރަން ޖެހިދާނެ ރިސޯޓުތަކަށް މިސާލަކަށް، މި އެއްބަސްވުން އެބަ އޮތޭ މަގުފަހިވެފައި. އެ ގައުމުގެ ސަރުކާރުން އެބަ ބޭނުންވޭ ރިސޯޓްތަކުން ވަކި ފެންވަރަކަށް ކަންކަން ބަލަހައްޓަން."

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި "އެ ފެންވަރަށް ކަންކަން ގެންދާ ރިސޯޓުތަކަށް، ސަފާރީ ވެސެލް، ގެސްޓް ހައުސްތަކުން އެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ،" އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހު ބޭއްވުމަށް ފަހު ޖުލައި 15 ގައި އަލުން ހުޅުވާލިޔަސް އަންނަ ޓޫރިސްޓުންގެ އަދަދު، ކުރިން ލަފާކުރި ވަރާ ގާތަށް ވެސް ނުދެ އެވެ. ފުރަތަމަ ދޮޅު މަސް ދުވަހު 10،000 ޓޫރިސްޓުން ވެސް ރާއްޖެ ނާދެ އެވެ.

އެކަމަކު ޑރ. މައުސޫމް ލަފާކުރައްވަނީ ކުރިއަށް އޮތް ތިން މަހު، ގާތްގަނޑަކަށް ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ ގެނެވިދާނެ ކަމަށެވެ. ނުވަތަ "މިހާރު ފެންނަ މަންޒަރުތަކުން އެއަށް ވުރެ ވެސް އިތުރުވެދާނެ ކަމުގެ އިހުސާސް ކުރެވޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު "ބަލިމަޑުކަމާ ވަރަށް ބޮޑަށް ގުޅިފައި އޮތީމާ ސީދާ އަދަދު ދަންނަވާކަށް ނޭނގޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން ސީދާ ދަތުރުތައް މިހާތަނަށް ފަށާފައި ވަނީ އިންޑިއާ އިން އެކަންޏެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ހާއްސަ ހުއްދައެއް އެއާލައިންތަކަށް ދީފަ އެވެ. ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ އިން އަދި އެފަދަ ހުއްދައެއް ނުލިބެ އެވެ. އޭގެ އިތުރުން ޔޫރަޕްގެ ބޮޑެތި މާކެޓްތައް ކަމަށްވާ އިނގިރޭސި ވިލާތާއި އިޓަލީ އަދި ޖަރުމަން ފަދަ ގައުމުތަކުގެ ޓޫރިސްޓުންނަށް ވެސް، ދަތުރުކުރުމުގެ އުނދަގޫތައް އެބަ ހުއްޓެވެ.

ރާއްޖެ އައި ޓޫރިސްޓެއްގެ ފޮށި ޑިސްއިންފެކްޓް ކުރަނީ: ބައެއް ގައުމުތަކާ އެކު ރާއްޖެއިން ގެންދަނީ މަޝްވަރާކުރަމުން -- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮވިޑްގެ ތެރޭގައި ޓޫރިޒަމް ކުރިއަށް ގެންދިއުމުގެ އަމާޒު

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން މަހު ސަރުކާރުގެ އަމާޒު ހުރީ ކޮވިޑް ތެރޭގައި ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ގޮތްތަކަށެވެ. އެއީ ޓޫރިސްޓުންނާއި އެމީހުންގެ ހިދުމަތުގައި ތިބޭ މުވައްޒަފުންގެ އިތުރުން ރައްޔިތުންނަށް ލިިބިދޭން ޖެހޭ ރައްކާތެރިކަން ވެސް ކަށަވަރުކޮށް، ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމުގެ މޮޑެލް އެވެ. މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން، މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުންނަށް އެންމެ ކުޑަވެގެން އަތް ލާން ވެސް ޖެހޭނީ ވަރަށް މަދު އެއްޗެއްގައި ކަމަށެވެ.

"އެ މީހުން އަންނާނީ ކޮވިޑް ފްރީ ޓެސްޓު ހިފައިގެން. ރާއްޖޭގެ އެއާޕޯޓަށް ޖައްސާފައި އެއާޕޯޓުން ވީހާވެސް ޓަޗްލެސްކޮށް މިދަނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާވާފައި ހުރި ހުރިހާ ކަމެއް ނިމުނީމާ ފަތުރުވެރިން ހަމައެކަނި ޕާސްޕޯޓު ސްކޭން ކޮށްލަން މެޝިންގައި އަތް ޖައްސާ ޖެއްސުމާއި ލަގޭޖް ޓްރޮލީގައި ހިފުން އަދި ލަގޭޖް ނެގުން ފިޔަވައި އަތް ލާން ޖެހޭ އެއްވެސް ތަނެއް ނުހުންނާނެ."

އެކަމަކު ޓޫރިސްޓުންގެ ސަލާމަތަށް އެފަދަ ފިޔަވަޅުތައް އަޅާފައިވިޔަސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ، ޓޫރިޒަމަށް އެހާ ބޮޑު ދިރުމެއް ލިބިދާނެ ގޮތަކަށް ނޫންކަން، މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުތައް މަދުކުރުން، ޓޫރިޒަމްގެ ކުރިއެރުމަށް، ވަރަށް މުހިންމު ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި އެންމެ ހިތްހަމަޖެހޭނީ މިހާރުގެ އަދަދުތައް، އާބާދީގެ ކޮންމެ ލައްކައަކަށް ވިއްސަށް ވުރެ ވެސް ދަށަށް ގޮސްގެންނެވެ.

ޓޫރިޒަމްގެ ކުރިއެރުމަށް ބަލާ ކަމަށް ވަންޏާ "އޭރުން ފުދޭ ވަރެއް ކަމަށް ބުނެވޭނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އެކަމަކު މިހާރުގެ ހާލަތު ހުރީ އާބާދީއަށް ބިނާކުރާ އިރު ދުނިޔޭގެ ނިސްބަތުން ވެސް މަތީގަ އެވެ. ޓޫރިސްޓުން އަންނަން ތިބި ގައުމުތަކުގެ ސަރުކާރުތަކުން ރައްޔިތުންގެ ރައްކާތެރިކަމަށް އިއުލާންކުރާ ފިޔަވަޅުތައް ބިނާކުރާނީ ރާއްޖޭގެ ރަސްމީ އަދަދުތަކުގެ މައްޗަށް ކަމަށް ވާތީ، ޑރ. މައުސޫމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތު ރައްކާތެރި ނޫން ކަމަށް، އެ މީހުން ގަބޫލުކުރާނެ އެވެ.