ދިރާގުގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފި އެވެ.

މި އަޕްގްރޭޑުތައް ދިރާގުން ދައްކާލައިފައިވަނީ ރޭ ބޭއްވި ވާޗުއަލް އިވެންޓުގަ އެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

މީގެ އިތުރުން ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓާއި ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެ އެވެ.

ޕްރީޕެއިޑް "ޕާކްސް" ތައާރަފު ކުރީ ސޯޝަލް މީޑިއާ އަދި ސްޓްރީމިން ފަދަ ހިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކަމަށް ދިރާގުން ބުންޏެވެ. އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކުން ބޭނުންވާ ހިދުމަތްތަކުން އިތުރު ޕާކްސް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.

ދިރާގު ކޮންސިއުމާ މާކެޓް މެނޭޖަރު އައިޝަތު އިޝާނާ ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބޭ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް ހިދުމަތަށް ގެނައި ބަދަލާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ހިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.

އެކިއެކި ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގެންނަ ބަދަލުތައް ކަމަށް ދިރާގުން ބުންޏެވެ.