އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މުވައްޒަފަކު އޮޅުވާލައިގެން އެ ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް މިރޭ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރެވުމުން އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށެވެ. ތަހުގީގުކޮށްދޭން އެދިފައިވާތީ އިތުރު ތަފްސީލު މިވަގުތު ހާމަނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ މުވައްޒަފާ ދޭތެރޭ އިދާރީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ ކުންފުނިން އަޅާނެ އެވެ.
މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައި އޮތް ކުންފުނިން ދެ މިލިއަނެއްހާ ރުފިޔާ އޮޅުވާލައގެން ނެގި މައްސަލައިގައި ތުހުމަތުކުރަނީ، އެނގިފައިވާ ގޮތުގައި، އެ ކުންފުނީގެ ކޭޝިއަރެއްގެ މައްޗަށެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރާތާ 25 އަހަރު ވެދާނެ ކަމަށް ވެ އެވެ.
ފައިސާ އަށް ޚިޔާނާތްވި ކަމަށް އެ މުވައްޒަފު އެއްބަސްވެފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ.