މައިކްރޮސޮފްޓުން އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކުރިއަށްގެންދާ "އިމާޖް އެކްސް ޕިޗް" މުބާރާތަށް ރާއްޖޭގެ ސްޓާޓްއަޕެއް ކަމަށްވާ ފަހިޕޭ ހޮވިއްޖެ އެވެ.

މި މުބާރާތުގައި ފަހިޕޭގެ އިތުރުން އޭޝިއާގެ އިތުރު 20 ޓެކް ސްޓާޓްއަޕް ކުންފުންޏަކުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި މެލޭޝިއާ އާއި ބަންގްލަދޭޝާއި އިންޑޮނޭޝިއާ އާއި ތައިލެންޑާއި ސްރީ ލަންކާގެ ސްޓާޓްއަޕްތައް ހިމެނެ އެވެ.

މައިކްރޮސޮފްޓުން ބާއްވާ މި މުބާރާތަކީ އެ ކުންފުނީގެ "ހައިވޭ ޓު 100 ޔުނިކޯންސް" އިނީޝިއޭޓިވްގެ ދަށުން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ އިންޑިއާގަ އެވެ. ނަމަވެސް މުބާރާތަށް ލިބުނު ކާމިޔާބީއާއެކު އޭޝިއާ ސަރަހައްދަށް މުބާރާތް ފުޅާކުރުމަށް އެކުންފުނިން ވަނީ ނިންމައިފަ އެވެ.

މި މުބާރާތުން އެއްވަނައަށް ދާ ސްޓާޓްއަޕް ފުޅާ ކުރުމަށް މައިކްރޮސޮފްޓުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންޑާއި ދާއިރާއާ ގުޅޭ ތަމްރީނު ތަޖުރިބާކާރުންގެ ފަރާތުން ލިބޭނެ އެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ސްޓާޓްއަޕްތައް ކުރިއަރުވައި އެފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.

ދިވެހި ދެ ޒުވާނަކު ގުޅިގެން އުފެއްދި ފަހި ޕޭ އަކީ ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮންލައިންކޮށް އަދި އޮފްލައިންކޮށް ރީލޯޑް ނުވަތަ ރާސްޓަސްގެ އިތުރުން ގިނަ ބިލްތަކަށް ފައިސާ ދެއްކޭ ގޮތަށް ހަދާފައިވާ އެޕްލިކޭޝަނެކެވެ.

ފަހިޕޭގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.