ވިންޑޯޒް 10 "ބިލްޑް 17063" ކޮމްޕިއުޓަރަށް އަޅަމުންދާ މަރުހަލާގައި ފޯނު ނަންބަރު ދޭން އެދެ އެވެ. އެ ނޫން ގޮތެއްގައި ވިންޑޯޒް 10 "އިންސްޓޯލް"އެއް ނުކުރެވެ އެވެ. ވިންޑޯޒް 10 "ބިލްޑް 17063" އަށް އޮޕަރޭޓިން ސިސްޓަމް ފެންވަރު މަތިކުރަން އެދޭ ނަމަ، ފޯނު ނަންބަރު ދިނުން ނޫން ގޮތެއް އަދި ނެތެވެ. ވިންޑޯޒް 10 މެދުވެރިކޮށް މައިކްރޮސޮފްޓަށް ފޯނު ނަންބަރު ދޭން ޖެހޭތީ، ފޯރަމްތަކުގައި މީހުން އެބަ ހަޅޭއްލަވަ އެވެ. ފޯނު ނަންބަރު ދިނުމަށް ވުރެ ވިންޑޯޒް 10 ބޭނުންކުރުން ހުއްޓާލުން ވެސް ރަނގަޅު ކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ.

މައިކްރޮސޮފްޓަށް ފޯނު ނަންބަރު ބޭނުންވަނީ ހުސްހަށިބައިތޯ ބަލާކަށް ނޫނެވެ. ބޭނުމަކީ ވިންޑޯޒް ކޮމްޕިއުޓަރުގައި ބޭނުންކުރާ ސޮފްޓްވެއާތައް ބަލައި، އެ ފަދައިން ބޭނުންކުރެވެން ހުރި އެޕްލިކޭޝަންތައް ފޯނުގައި ބޭނުންކުރެވޭ ގޮތް ހެދުމެވެ. އެކަމުގައި އޮތް ފަސޭހަ އަކީ، އިންޓަނެޓް ވެބްސައިޓެއް ފޯނުން ބަލަމުން ގޮސް "ކޮންޓިނިއު އޮން ޕީސީ" ފަދަ ޚިދުމަތްތަކަށް އަހުލުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި ބޭނުންހިފުމެވެ. "ކޮންޓިނިއު އޮން ޕީސީ" ކޮށްދޭ ކަމަކީ، ފޯނުން ބަލަމުން ދިޔަ ލިޔުންތައް، ކޮންމެވެސް އެހެން ވަގުތެއްގައި ކޮމްޕިއުޓަރުން ކިޔުމަށްޓަކައި ރައްކާކޮށްދިނުމެވެ.

ސްމާޓް ޑިވައިސްތައް އަހަރެމެންނާ ހަމައަށް އައުމުގައި ގުޅި ލާމެހެން އެދެ އެވެ. މާނަ އަކީ އެއް ޑިވައިސްއަކަށް އަޅާ އެޕްލިކޭޝަންތައް ދެން ހުރި ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތް ހެދުމެވެ. ވިންޑޯޒް 10 އަށް ފޯނު ނަންބަރު ދޭން ޖެހެނީ އެ ޑިވައިސްތައް ބޭނުންކުރާ މީހުން، އެ ނޫން ގޮތެއްގައި ނަމަ، އުފުލަން ޖެހޭނެ ތަކުލީފުތައް ލުއިކޮށްދިނުމަށެވެ. ސޮފްޓްވެއާ އެޕްލިކޭޝަންތައް ހުރިހާ ޑިވައިސްތަކަށް އެއްފަހަރާ ފޮނުވައިދިނުމަށެވެ.

އަހަރެމެން މި އުޅެނީ ފޯނުގައި ބޭނުންކުރާހާ އެޕްލިކޭޝަނަކަށް ފޯނު ނަންބަރު ދީގެންނެވެ. ވައިބާ، ޓެލެގްރާމް، ވަޓްސްއެޕް، ފޭސްބުކް އަދި ސްކައިޕް ފަދަ އެޕްލިކޭޝަންތަކުން ބޭނުންވެގެން އެންމެ ފުރަތަމަ އެދެނީ ވެސް ފޯނު ނަންބަރަށެވެ. ވިސްނާލުމެއް ވެސް ނެތި ފޯނު ނަންބަރު ދެވެނީ ހަމަ އުފަލުންނެވެ. އެ ނޫން ގޮތެގައި އެ އެޕްލިކޭޝަންތަކުން ކުރަން ބޭނުން ކަންކަން ނުކުރެވޭނެކަން އެނގޭތީ އެވެ.

ވިންޑޯޒް 10ގެ މި "ބިލްޑް" އަދި އާންމެއް ނުވެ އެވެ. އަހަރެމެންނާ ހަމައަށް ކޮންމެވެސް ޒަމާނަކުން އަންނާނެ އެވެ. އެކި ބައްރުތަކަށް ވަކިވަކިން އަޕްޑޭޓްކުރަމުން ދާއިރު، އެއިން ގައުމަކަށް ނިސްބަތްކުރެވޭ ވިންޑޯޒްއެއް ބޭނުންކުރާ ނަމަ، އެ އޮތީ ދުރު ރާސްތާ ކުރުވެފަ އެވެ. ބަލަން ތިބެން ހިނގާށެވެ. އަހަރެމެންނާ ހަމައަށް އަންނައިރު، ފޯނު ނަންބަރު ދިނުން އިޚުތިޔާރީ ކަމަކަށް ވެސް ހަދާފާނެ އެވެ.