އަންނަ މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނަގާ ގަޑި ރޭގަނޑަށް ބަދަލުކުރަން ވެމްކޯއިން ނިންމާ، އެކަން މިއަދު އިއުލާންކޮށްފި އެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ރޭގަނޑު ކުނި ނަގަން ފަށާނީ 10:00ގައި ކަމަށެވެ. މި ބަދަލު ގެންނަނީ، އޭނާ ވިދާޅުވި ގޮތުގައި، އަންނަ މަހު ސްކޫލުތައް ހުޅުވި، މަގުމަތީގެ ކާރުބާރު ބޮޑު ވަގުތުތަކުގައި ކުނި އުފުލުމުން އާންމުންނަށް ދިމާވާނެ އުނދަގޫތަކުން ވެސް ދުރުކުރުމުގެ ބޭނުމުގަ އެވެ.

އާދަމް ވިދާޅުވީ އަމާޒަކީ ފަތިހު އާންމުން މިސްކިތަށް ދާން ނުކުންނަ އިރު ގޭގެއިން ނެރޭ ހުރިހާ ކުންޏެއް ނަގާ ސާފުކޮށްލުން ކަމަށެވެ.

"ރޭގަނޑު ވަރަށް ބުރަކޮށް އަޅުގަނޑުމެން ދާނީ. ވެސަލް އޮޕަރޭޝަން ވެސް ފުލްކޮށް ދާނީ. ހުރިހާ ވެހިކަލެއް ހެން ރޭގަނޑު ނެރެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑު ހޭލައި ތިބެ ކޮންމެ ރެއަކު މަސައްކަތްކުރުމަކީ ވެމްކޯގެ މުވައްޒަފުންނަށް ދިމާވާނެ އުނދަގުލެއް ނަމަވެސް އެގޮތަށް ނިންމީ އާންމު ރައްޔިތުންގެ ފަސޭހައަކަށެވެ.

ކޮވިޑް-19އާ ގުޅިގެން ވެމްކޯއިން މިހާރު ކުނި ނަގަމުން އަންނަނީ މެންދުރު ފަހު 2:30 އިން ފެށިގެންނެވެ.

ކުނި ނަގާ ވަގުތު ރޭގަނޑަށް ބަދަލުކުރިޔަސް، ގޭގެއިން ޖެހޭނީ މިހާރެކޭ އެއްގޮތަށް ކުނިތައް ބޭރަށް ނެރޭށެވެ. އެކަން ބަދަލުވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތު އުވާލުމުން ކަމަށް، ވެމްކޯ އިން ބުންޏެވެ.

އާދަމް ވިދާޅުވީ ވެމްކޯއިން ކުނި އުފުލަން ބޭނުންކުރާ 30 ވަރަކަށް ވެހިކަލް އެއް ފަހަރާ ނެރުމުގެ ސަބަބުން، އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިވެދާނެ އެވެ. އެކަމަކު އަބަދުވެސް މަސައްކަތް ކުރާނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.