ކުނި އުކައިގެން ލިބެންޖެހޭ 72 މިލިއަން ރުފިޔާ އެބައޮތް: ވެމްކޯ

ކުނި އުކައިދީގެން ލިބެންޖެހޭ 72 މިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށް ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.


ވެމްކޯއިން ބުނީ ފައިސާ ނުދައްކާ ގޭބީސީތަކާއި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ވެސް އެބަހުރި ކަމަށެވެ. އެތަނުން ބުނީ ހިދުމަތް ހޯދާ ފަރާތްތަކުގެ 70 ޕަސެންޓުން ފައިސާ ނުދައްކާ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ، ހައުސިން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީން ވެސް މިލިއަނުން ފައިސާ ލިބެންޖެހޭ ކަމަށެވެ. މީގެ އިތުރުން ތައުލީމީ ބައެއް އިދާރާތަކުން ވެސް ވެމްކޯއަށް ފައިސާ ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އާދަމް ވިދާޅުވީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ތަންތަނުން ދައްކަންޖެހޭ ފައިސާގެ އަދަދު އެ ތަންތަނަށް އަންގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހިދުމަތް ހުއްޓާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދާނެ ކަމަށެވެ.

އެ ކުންފުނިން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ބުނި ގޮތުގައި މާލެއިން އޭރު ދުވާލަކު 1،150 ޓަނުގެ ކުނި އުކާލަ އެވެ. މާލެގައި ކުނި އުފުލަން ތިން ވެހިކަލް ގެންގުޅޭއިރު ހުޅުމާލޭގައި ބޭނުންކުރަނީ އެންމެ ވެހިކަލެކެވެ.