30 ޑިސެމްބަރ 2025 - 19:32
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދިނުމަށް ނަގާ ފީއަށް، އަންނަ ފެބްރުއަރީ މަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި، ބައެއް ވިޔަފާރިވެރިން ވަނީ، ކުނި އުކަން ވެމްކޯ އިން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ހިއްސާކޮށްފަ އެވެ. އެ މީހުން އެދުނީ ބޮޑެތި އަދި ކުދި ވިޔަފާރިތައް ވަކިކޮށް، ކުނި އުކައިދޭ އަގަށް ބަދަލު ގެނެސްދިނުމަށެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، ކުނި އުކައި ދިނުމަށް ކުދި ވިޔަފާރިތަކުން ނަގާ ފީ އަށް، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެވެ.
ފީ ކުޑަކުރުމުގެ ގޮތުން، އެސްއެމްއީތަކަށް ހާއްސަ ބޭންޑުތަކެއް ތައާރަފްކުރުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް ފަހުން ހިއްސާ ކުރާނެ ކަމަށް ވެމްކޯއިން ބަޔާނުގައި ބުންޏެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ވަނީ ނިންމައިފަ އެވެ.
"މިގޮތުން، ކުދި އަދިމެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް ކަންކަން އަންނަ ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، އެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން އާއްމުކުރަމުން ގެންދާނެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަބީލުު
31 December 2025
ރައީސް މުއިއްޒުގެ ސަރުކާރު މި ދަނީ ރައްޔިތުންނަށް އެތަށް ގޮތަކުން ފައިދާ ކުރާ ސަރުކާރެއް ގޮތަށް.
ޒަރުނީ
31 December 2025
މީ އަހަރެން މި ދައްކާ ވާހަކައަކީ. ސަރުކާރު ވަރަށް ރަނގަޅު.
އައްބާސްބޭ
31 December 2025
ވަރަށް ރަނގަޅު ނިންމުމެއް ވެމްކޯއިން އެ ނިންމީ. ތާއީދު.
އަފާފް ސައީދު
31 December 2025
ރަނގަޅު ނިންމުމެއް. ގެންނަން ލަސްވެސްވެއްޖެ މި ބަދަލް
އަހްމަދު ހަލީމް
31 December 2025
ކުދި ވިޔަފާރިތަކަށް މިސަރުކާރުން ދޭ ލުއިތައް ވަރަށް ރަނގަޅު. މީގެ ސަބަބުން ވިޔަފާރިތަކަށް ހަމަ ޖެހިގެން ކުރިޔަށް ދެވޭނެ
ވަރަށް ސަޅި
31 December 2025
މިހެން ލުއި ލިބޭނަމަ އާންމު ރައްޔިތުންނަށް ވިޔަފާރިތަކުން ލުއި ލިބޭނެ ކަމުގެ އުންމީދު ބޮޑު
އާދަަމްބެ
30 December 2025
މަދުން ކުނިއުކާމީހުންނަަށް ލުޔެއްނެތްތަ؟
ބަޔަކު މީހުން ބުނާ ގޮތެއް ހަދާކަށް ނުޖެހެއެވެ.
30 December 2025
އިތުރަށް ކުންފުންޏަށް ގެއްލުން
އަފީފުދީދީ
30 December 2025
އަދި ވެސް މުސާރަ ނުދޭ.. ކުންފުނި ހިންގަނީ ގެއްލުމުގަ.. ކޮންމެހެން ނުޖެހޭ