އއ. ހިމަންދޫ އާއި ރަސްދޫގެ އާ އިންޖީނު ގޭގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ސްޓެލްކޯ އިން ބުނީ މި ދެ އިންޖީނުގެ ވެސް ރަށުގެ ލޭންޑްމާކުތަކަށް ވާނެހާ ތަފާތުވާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ހިމަންދޫގެ މިހާރުގެ އިންޖީނުގެ ކުޑަކަމުން، ރަށުގެ ތަރައްގީ އާއި ކުރިއެރުމާ އެއްވަރަށް ހިދުމަތް ނުދެވޭ ކަމަށެވެ. އަދި އެ ރަށުގައި އާ އިންޖީނުގެއެއް އަޅަން މިހާރު އޮތް ބިމުގައި ޖާގަ ނެތުމުން މިހާރު އިންޖީނުގެ ހުރި ބިމަށް އިތުރު ބިމެއް ވަނީ އިތުރު ކޮށްދީފަ އެވެ. އެއާ އެކު އެތަނުގައި މިހާރު ހުރި 533 ކިލޯވޮޓުގެ އިންޖީނުގެ ބަދަލުގައި ހަތަރު މެގަވޮޓުގެ އިންޖީނެއް ބަހައްޓާނެ އެވެ.
ކަސްޓަމަ ސާވިސް އިމާރާތަކާ އެކު ހަދާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައި ވާއިރު، ފުރަތަމަ ފަންގިފިލާ ހަދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވުމަށެވެ. އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާ އެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ހަދާނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ރަސްދޫ އިންޖީނުގެ ހަދަން ނިންމާފައިވަނީ ފަސް މެގަވޮޓުގެ އިންޖީނު ބެހެއްޓޭ ގޮތަށެވެ. މިހާރު އެ ރަށުގައި ހުންނަނީ 754 ކިލޯވޮޓުގެ އިންޖީނެކެވެ.
މި އާ އިންޖީނުގެއާ އެކު އެ ރަށުގެ ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ދެ ރަށުގެ އިންޖީނުގެތައް ވެސް ޑިޒައިން ކޮށްފައިވަނީ އަޑު މަޑުވާނެ ހެންނެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތްތަކުގައި ހަރުކުރަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން މުޅި އިންޖީނުގެއަކީ ވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނަކަށްވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.