އިންކަމް ޓެކްސް ނަގަން ޕީޕީއެމްގެ ބައެއް މެމްބަރުން ތާއީދު

ދިވެހިންގެ މެދުގައި އޮތް މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަ ކުރުމަށް އިންކަމް ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ރައްޔިތުން އަތުން އެކި ވައްތަރުގެ ޓެކްސް ނެގުމުގެ ބަދަލުގައި އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށެވެ.

ވަކި އަދަދެއްގެ އާމްދަނީ ލިބޭ މީހުން އަތުން އިންކަމް ޓެކްސް ނަގާ ނަމަ، އާންމު ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ މެމްބަރު ސައުދުﷲ ވިދާޅުވި އެވެ.

"ފާޑުފާޑުގެ ނަން ކިޔާފައި ޓެކްސް ނެގުމުގެ ބަދަލުގައި އިންކަމް ޓެކްސް ކަހަލަ ވަރުގަދަ ޓެކުހެއް ނަގައިފި ނަމަ އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ސައުދުﷲ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި އެކި ނަންނަމުގައި ދިވެހިންގެ އަތުން އިތުރު ޓެކްސްތައް ނެގުމަކީ ރައްޔިތުންގެ ޖީބަށް އިތުރަށް ބުރަ ވާނެ ކަމެކެވެ. އެހެންކަމުން އިންކަމް ޓެކްސް ނަގާނެ ހިތްވަރު ހުންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންކަމް ޓެކްސް ތައާރަފު ކުރެވިއްޖެ ނަމަ އަޅުގަނޑުމެންގެ ތެރޭގައި މި ހިނގާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލަން އިތުރަށް މަގުފަހި ވާނެ،" އަމީތު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނަގަން ތާއީދު ކުރެއްވި ސައުދުﷲ އާއި އަމީތަކީ ޕީޕީއެމް ކޯލިޝަންގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންނެވި ދެ މެމްބަރުންނެވެ. އެހެންވެ، ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވަނީ އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައި، ބޮޑެތި ކޮމެޓީތަކުން ވަކިކޮށް، އާދައިގެ ކުޑަ ކޮމެޓީތަކަށް ބަދަލުކޮށްފަ އެވެ.

އިންކަމް ޓެކުހެއް ނެގުމުގެ މުހިންމުކަން ބަޖެޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެފަދަ ޓެކުހެއް ނަގަން ހިމަނާފައެއް ނުވެ އެވެ.

މަޖިލީހުގެ ގިނަ މެމްބަރުން އެންމެ ބޮޑަށް ދެކޮޅުހެއްދެވި އެއް ޓެކުހަކީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ނަމުގައި 25 ޑޮލަރުގެ ފީއެއް ނެގުމެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ގަބޫލު ކުރެއްވި ގޮތުގައި ދިވެހިންގެ އަތުން އޭޑީސީ ނުނެގޭނެ ގޮތެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ ބަޖެޓު ފާސް ކުރާ އިރު، ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ނެގުމަށް ހުށަހަޅާފައިވާ އޭޑީސީ ދިވެހިންގެ އަތުން ނަގަން ފާސް ކުރިޔަ ނުދޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ކަންބޮޑުވެ ވަޑައިނުގަތުމަށް އޭނާ ގޮވައިލެއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އާމްދަނީގެ ތަފާތު ކުޑަ ކުރެވޭނީ ރަނގަޅު ނިޒާމެއްގެ ދަށުން އިންކަމް ޓެކްސް ނަގައިގެން ކަމަށެވެ. އެކަމަކު އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށަން މިހާރު މާ ލަސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކުހަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ތާއީދު ކުރެއްވި ނަމަވެސް، ގިނަ ޓެކްސްތަކެއް ތައާރަފް ކުރަމުން އަންނަ އިރު ވެސް މުއްސަނދިންގެ އަތުން ޓެކްސް ނުނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އިންކަމް ޓެކްސް ނަގަން ނިންމާފައި ނުވިޔަސް، އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެކި ޓެކްސްތައް ބޮޑުކޮށް، ބައެއް އާ ފީތައް ނަގަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެއީ އޭޑީސީގެ އިތުރުން، ބިން ހިއްކައި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.