ޓެކްސްއާ ގުޅޭ ކަމެއް ފާސްކުރެވޭނީ 43 މެމްބަރުން ތިބެގެން: ޝާހިދު

ޓެކްސްއާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ބޭނުންނަމަ، 43 މެމްބަރުން މަޖިލީހުގައި ތިއްބަވަން ޖެހޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުން މިއަދު ފާސް ކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް ވަނީ ނިންމައިފަ އެވެ. އެ އާމްދަނީ ހޯދަނީ ޓެކްސްގެ ގާނޫނަކާއި އިތުރު ގާނޫނަކަށް އިސްލާހެއް ގެނެސްގެންނެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓުގައި އެކަމުގެ ތަފްސީލަކަށް ނުދެ އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ތިއްބަވައިގެން ނޫނީ ޓެކްސް ހިމެނޭ ކަމެއް މަޖިލީހަށް ފާސް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ވޯޓަށް އެހި ގަޑީގައި އެ އަދަދަށް މެމްބަރުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ސަޕްލިމެންޓްރީ ބަޖެޓު މިއަދު ފާސް ކުރީ ޕީޕީއެމާއި އެމްޑީއޭގެ 39 މެމްބަރުންގެ ވޯޓުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ކަން މިއަދުގެ ވޯޓުން ވެސް ސާފުވެފައިވާ ކަމަށެވެ. އަދި ތަނެއްގައި ހުރިއްޔާ ހުރި މީހަކަށް ގުޅައިގެން ވެސް ހަމަ ކުރެވުނީ 39 ވޯޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސް ކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ އެއީ 43 މެމްބަރުންނެވެ.

މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ ރެވެނިއު ސްޓޭމްޕްގެ ގާނޫނަށް ގެންނަ އިސްލާހުން ލިބޭނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި އިތުރުވާނެ ކަމަށް ބެލެވޭ 29 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

އެ ދެ ގާނޫނަށް ގެންނަ އިސްލާހުގެ އެއްވެސް ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރު ކުރުމަށް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތިން ފަރާތަކުން ދައުލަތަށް ދައްކާ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އިން، 231 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.