ކުރިން ނިންމި ގޮތް ބަދަލުކޮށް، މާލެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ވަކިވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ފަށާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
ވެމްކޯގެ މި ނިންމުން އައީ ކޮވިޑާ ގުޅިގެން ގޭގޭގެ ބޭރުން އެކަނި ކުނި ނަގަމުން އައިސް ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލްވެ، އުސޫލު ބަދަލުކޮށް، ގޭގޭގެ އެންމެ ތިރީ ބުރިން އެކަނި ކުނި ނަގާ ގޮތަށް ވެސް ހަމަޖެއްސުމަށް ފަހު އެވެ.
މި މަހުގެ 15 އިން ފެށިގެން ގޭގޭގޭ އެންމެ ތިރީބުރިން އެކަނި ކުނި ނަގާ ގޮތަށް ކުރިން ހަމަޖެއްސުމަށް ފަހު، އެ އުސޫލު ބަދަލުކުރީ އާންމުންގެ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ގުޅިގެންނެވެ.
ވެމްކޯ އިން ވެސް މިއަދު ބުނީ، އެ ބަދަލު ގެނައީ އާއްމުންގެ ހިޔާލުތަކަށް ބެލުމަށް ފަހު ކަމަށެވެ.
މި ގެނައި ބަދަލާއެކު، ގޭގެއިން މަގުމައްޗަށް ދެން ކުނި ބޭރަށް ނެރުން މަނާވާނެ އެވެ. އަދި ކޮންމެ އެޕާޓްމަންޓަކުން ވެސް ކޮންމެ ދުވަހަކު މެދު ސައިޒުގެ ތިން ކޮތަޅު އުކައިލެވޭއިރު، ކަޅު ކޮތަޅުގައި ކުނި އުކާ ނަމަ އުކައިލެވޭނީ ކޮތަޅު އުފުލޭނެ ބަރުދަނަށެވެ.
ވެމްކޯ އިން ވަނީ މިއަދުން ފެށިގެން އެ ކުންފުނީގައި ރަޖިސްޓަރީ ވެވޭ ގޮތް ވެސް ބަދަލުކޮށްފަ އެވެ. އެގޮތުން، މިހާރު ރަޖިސްޓަރީ ކުރެވޭނީ ގޭގެ ވެރިފަރާތުގެ ނަމުގައި އެކަންޏެވެ. ނަމަވެސް ކުރިން ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުރިން ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ތެރެއިން ފީ ނުދައްކާ ގެތަކަށް ހިދުމަތް ދޭނީ ފާއިތުވެދިޔަ ތިން މަސް ފިޔަވައި އެހެން ހުރިހާ މަހެއްގެ ފީ ދައްކައި ހަލާސް ކުރުމުން ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ ސައިޓަށް ކުނި އުކައިލަން ދޫކޮށްފައިވާ "ޑީ ކާޑު" ގެ ހިދުމަތް ވެސް މި މަހުގެ 15 އިން ފެށިގެން މެދުކަނޑައިލާނެ އެވެ. މިއީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށް ސައިޓުގެ ބޮޑު ބައެއް ބަންދު ކުރާތީ އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ. "ޑީ ކާޑު" ގެންގުޅޭ ކަސްޓަމަރުން ޖެހޭނީ ކުނި އުކައިލުމުގެ ހިދުމަތަށް ރަޖިސްޓަރީވާށެވެ.
މި މަހުގެ 15 އިން ފެށިގެން ވެމްކޯ އިން ކުނި ނަގާނެ ވަގުތުތައް
- މާލެ: ހަވީރު 6 އިން ރޭގަނޑު 11 އަށް.
- ވިލިމާލެ: ރޭގަނޑު 8 އިން ރޭގަނޑު 11 އަށް.
- ހުޅުމާލެ: ރޭގަނޑު 8 އިން ރޭގަނޑު 11 އަށް.