މިހާތަނަށް ނުދައްކާ ހުރި ބިލުތައް ދެއްކުމަށާއި ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ރަޖިސްޓްރީވުމަށް އިތުރު މުއްދަތެއް ވެމްކޯއިން ދީފި އެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ގެނައި ބަދަލުތައް މިހާރު އުވާލާފައި ވާތީ، ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކުނި ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް މި މަސް ނިމެންދެން ކުނި ނަގާނެ ކަމަށާއި ރަޖިސްޓްރީވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރުމާއެކު މި މަސް ނިމެންދެން ބިލުތައް ދައްކައި ހަލާސް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި މަސް ނިމުމުން ފާއިތުވި ތިން މަހުގެ ބިލު ނޫން އެހެން ބިލުތައް ނުދައްކާ ހުންނަ ގެތަކުން ކުނި ނެގުން ހުއްޓާލާނެ އެވެ.

"އާއްމުން ވެސް މިކަމުގައި އެއްބާރުލުން ދެއްވަން އެބަޖެހޭ. އަޅުގަނޑު މި އެދެނީ ގެތަކުން ކުނި މަގުމައްޗަށް ދެން ނުނެރެން. އަޅުގަނޑުމެން ދެން ކުނި ނަގާނީ ވަކި ގެތަކުން. އެހެންކަމުން އެންމެން ވެސް މި އިތުރު ކުރި މުއްދަތުގެ ބޭނުންހިފައި ރަޖިސްޓްރީ ވާން އަޅުގަނޑުމެން އެދެން،" އާދަމް ވިދާޅުވި އެވެ.

ވެމްކޯއިން ބުނި ގޮތުގައި މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވަނީ 16،000 ގޭބިސީ އެވެ. މީގެ ތެރެއިން 12،000 އެއްހާ ގޭބިސީން ބިލުތައް ނުދައްކާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުންޏަށް ލިބެން ޖެހޭ 59 މިލިއަން ރުފިޔާ އެބަހުރި ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯ އިން ކުނި އުކާނުލާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ވެމްކޯ އިން ބުނަނީ ކުނި ނުގަނާ މިހާރު ހުރީ ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގެތަކުން ކަމަށާއި ރަޖިސްޓްރީކޮށްފައިވާ ގެޔަކުން ކުނި ނުގެންގޮސް ހުރި ނަމަ އެކަން އަވަހަށް އަންގަން އެދޭ ކަމަށެވެ.