އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އުރީދޫގެ ހިދުމަތް ދޭން މިއަދު އެއްބަސްވެއްޖެ އެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
މި އެއްބަސްވުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަހީގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ނެޓްވޯކު މައްސަލައަށް ހައްލު ލިބޭނެ އެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރިތަކަށް ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކެއް ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަނެޓް އަދި ޓީވީ ފަދަ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތައް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާ ކޮށްފައިވާ ވިއުގައެކެވެ. މި ވިއުގައިގެ ދަށުން މިހާތަނަށް ދިރާގާއި މީޑިއާ ނެޓުން ވެސް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
އެޗްޑީސީން ބުނީ މި ވިއުގައިގެ ދަށުން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ވެސް އަވަސްކަމާއެކު ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ހިދުމަތްތައް ދޭން ކޭބަލް އެޅުމަށް މަގު ކޮނުން ފަދަ އާއްމުންނަށް ދަތިވާ ފަދަ ކަންކަން ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ވަނީ މި ވިއުގަ މެދުވެރިކޮށް އިންޓަނެޓާއި ޓީވީ އަދި އެހެނިހެން މުއާސަލާތީ ހިދުމަތްތައް ދިނުމުގައި އެ ހިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.