ރާއްޖޭގެ އެޑިއުކޭޝަން ކޮންސަލްޓަންސީ ހިދުމަތް ދޭ ޒެޑެކްސް ސްޓަޑީ އެބްރޯޑްއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ސްޓޫޑެންޓް ލޯނާބެހޭ މައުލޫމާތު ސެޝަނެއް ބާއްވަން ނިންމައިފި އެވެ.
އެ ސެޝަން އޮންނާނީ މިރޭ 8:30ގައި ހޮޓެލް ޖެންގަ އެވެ. އެ ސެޝަނަކީ ގްރޭޑް 12 ނިންމުމަށް ފަހު ރާއްޖެއިން ބޭރަށް މަތީ ތައުލީމަށް ދާން ބޭނުންވާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސްޓޫޑެންޓް ލޯނު މެދުވެރިކޮށް ބޭރަށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސެޝަނެކެވެ.
ޒެޑެކްސްއިން ބުނީ އެ ސެޝަނުގައި ސްޓޫޑޭންޓް ލޯނުގެ އެޕްލިކޭޝަން ފުރުމުގައި ސުވާލު އުފެދޭ އެކި ކަންތައްތައް ހުރިނަމަ، ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފުރިހަމަ ކުރަންވީ ގޮތުގެ މައުލޫމާތުގެ އިތުރުން އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓުތަކުގެ ތަފްސީލާއި ޝަރުތު ފުރިހަމަވާ ކްރައިޓީރިއާތަކާއި ލޯން އެޕްލިކޭޝަން ފުރުމުގައި ހުންނަ ގޯސްތަކާއި އޭގެ ރަނގަޅު ގޮތްތައް ކިޔައި ދޭނެ ކަމަށް ބުންޏެވެ. އަދި އެ ސެޝަނުގައި މަތީ ތައުލީމަށް ސްޓޫޑެންޓް ލޯނު ހޯދުމަށް ބޭނުންވާ "ސްޓެޕް ބައި ސްޓެޕް" ސަޕޯޓް އެތަނުން ލިބޭނެ ކަމަށް ބުންޏެވެ.
ޒެޑެކްސްއިން ބުނީ އެފަދަ މައުލޫމާތު ސެޝަނެއް ބާއްވަން ނިންމީ، ސްޓޫޑޭންޓް ލޯނާ ބެހޭ މައުލޫމާތު އެކަށީގެންވާ މިންވަރަށް ދަރިވަރުންނަށް ލިބިފައި ނެތުމުން ނުވަތަ ފޯމު ފުރުމުގައި އުނދަގޫވުމުގެ ސަބަބުން މަތީ ތައުލީމަށް ނުދެވޭ ދަރިވަރުން ތިބިކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އެހެންވެ، އަމާޒަކީ އެ ސެޝަން މެދުވެރިކޮށް އެޕްލިކޭޝަން ފުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ، ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ ޕްރޮސެސްގައި ބޭނުންވާ ގައިޑެންސް ފޯރުކޮށްދީ، އެ ޕްރޮސެސްއަކީ ފަސޭހަ ޕްރޮސެސްއަކަށް ހެދުން ކަމަށް ޒެޑެކްސްއިން ބުންޏެވެ.
އެ ސެޝަނުގައި ބައިވެރިވުމަށް ޒެޑެކްސްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. އަދި ޒެޑެކްސްގެ ނަމްބަރު 9902788 އަށް ގުޅައިގެން ވެސް އެ ސެޝަނަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ރާއްޖޭގެ ޕްރިމިއާ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކަށް ފޮނުވުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ޔުނިވާސިޓީ ޕްލޭސްމަންޓް ހޯދުމަށް ބޭނުންވާ ސަޕޯޓާއި ކިޔަވަން ދިއުމަށް ވިސާ ނެގުމުގައި ބޭނުންވާ އެހީތެރިކަމާއި ސްޓޫޑެންޓް ލޯން ހޯދުމުގައި ބޭނުންވާ ގައިޑެންސް ފޯރުކޮށްދެ އެވެ.